ހަނގުރާމައިގެ ސަބަބުން ސްޓާބަކްސްއަށް ބޮޑު ގެއްލުމެއް

ސްޓާބަކްސް އަށް ވަނީ 11 ބިލިއަން ޑޮލަރުގެ ގެއްލުމެއް މިއަހަރު ލިބިފައި. ފޮޓޯ/ދަ ޓެލެގްރާފް

ބޮއިކޮޓްކުރަން ގޮވައިލުމާ، ޗުއްޓީ ޕްރޮމޯޝަންގެ ލުއި ތަކާހެދި ދުނިޔޭގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްއަށް 10.98 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިއްޖެއެވެ.

ނޮވެމްބަރު 16 ވަނަ ދުވަހުން ފެށިގެން ސްޓާބަކްސްގެ ހިއްސާގެ އަގު %8.96 އިން ދަށްވެފައިވާއިރު، މިއީ 11 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެކެވެ. މިއާއެކު މިއީ ސްޓާބަކްސްގެ ސްޓޮކް ވިދިވިދިގެން ދަށްވާ 12 ވަނަ ފަހަރެވެ. މިއީ 1992 ވަނަ އަހަރަށްފަހު އެ ކުންފުނީގެ ޙިއްސާގެ އަގު އެހާ ދަށްވި ފުރަތަމަ ފަހަރުވެސްމެއެވެ.

ސްޓާބަކްސްއަށް ގެއްލުން ލިބިފައި ވަނީ ޢިސްރާއިލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްޠީނަށް ތާއީދުކޮށް އެ ކުންފުނީގެ ބެރިސްޓާސްގެ ފެކްޝަނެއް ތަމްސީލުކުރާ ސްޓާބަކްސް ވޯކާސް ޔުނައިޓެޑުން ކުރި ޓުވީޓުތަކާ ގުޅިގެންނެވެ. ޓުވީޓުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ސްޓާބަކްސް ބޮއިކޮޓްކުރަން ގޮވައިލައިފައެވެ.

މީގެ އިތުރުން ވޮޝިންޓަންގެ ސީއެޓްލްގައި ހުންނަ ސްޓާބަކްސްއަކީ އިސްރާއީލުގެ ކުންފުންޏަކަށް ނުވި ނަމަވެސް، އިސްރާއީލުގެ ޑެލެކް ގްރޫޕުން ނަގާފައިވާ ޕާޓްނަރުކަމުގެ ސަބަބުން އެތައް ބައެއްގެ ނުރުހުން ވަނީ ސްޓާބަކްސްއަށް އަމާޒުވެފައެވެ. އަމަލީ ގޮތުން ހަނގުރާމައަށް ސްޓާބަކްސްއިން ފަންޑު ނުކުރާ ކަމަށް ރިޕޯޓްތަކުން ބުނި ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ ސްޓާބަކްސް އާއި އިސްރާއީލާއި ކިރިޔާ ވެސް ގުޅުން އޮންނަ ކުންފުނިތައް ބޮއިކޮޓް ކުރަމުންނެވެ.

ބޮއިކޮޓް ކުރުމަށް ގޮވައިލުމުގެ އަސަރު ގިނަ ސަރަޙައްދުތަކެއްގައި ހުރި ކުންފުނީގެ އައުޓްލެޓްތަކަށް ވަނީ ކޮށްފައެވެ. އެގޮތުން މިޞްރުގައި ހުންނަ އެ ކުންފުނީގެ އައުޓުލެޓުން ވަނީ މުވައްޒަފުން މަދުކޮށްފައެވެ. އަދި މި ފިޔަވަޅަކީ އިސްރާއީލާ ގުޅުން ހުރި ބްރޭންޑްތަކާ ދެކޮޅަށް ދުނިޔޭގެ ފުޅާދާއިރާއެއްގައި ކުރަމުންދާ މުޒާހަރާތަކުގެ ޙަރަކާތްތަކާވެސް ގުޅުން ހުރި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫނިއަނައިޒްޑް މަސައްކަތްތެރިން އިސްކޮށް ތިބެގެން ކުރިއަށް ގެންދިޔަ އެ ހަޅުތާލުތަކުގައި މުވައްޒަފުންގެ އަދަދު ރަނގަޅުކުރުމާއި، ކޮންޓްރެކްޓް ނެގޯޝިއޭޝަންތަކާ ގުޅޭ ގޮތުން މުއާމަލާތް ކުރުމުގެ ޝައުގުވެރިކަން ފާހަގަކޮށްފައިވެއެވެ. އަދި މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމަށްވެސް މުވައްޒަފުން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް