ބްރެޒިލް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސުއަރޭޒަށް

ގްރެމިއޯގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް -- ފޮޓޯ/ ގެޓީ

މި ސީޒަނުގެ ބްރެޒިލް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، ގްރެމިއޯގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ހޯދައިފިއެވެ.

ބްރެޒިލް ލީގުގައި ގައުމުން ބޭރު ކުޅުންތެރިންނަށް އެންމެ މަތީ ފެންވަރުގައި ވިދާލުމަކީ އާންމުގޮތެއްގައި ފެންނަ މަންޒަރެއް ނޫނެވެ. ނަމަވެސް ސުއަރޭޒް ވަނީ ލީގުގައި މޮޅު ކުޅުމެއް ދައްކައި، ގްރެމިއޯއަށް 17 ގޯލު ކާމިޔާބުކޮށްދީފައެވެ.

ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ސްޓްރައިކަރުގެ އެވޯޑު ވެސް ސުއަރޭޒް ވަނީ ހޯދައިފައެވެ. ގްރެމިއޯއަށް ބްރެޒިލް ލީގުގެ ދެވަނަ ހޯދައިދިނުމުގައި ވެސް ސުއަރޭޒްގެ ދައުރު ފާހަގަކޮށްލެވެއެވެ.

އެވޯޑުތައް ހޯދުމަށްފަހު ސުއަރޭޒް ބުނީ އުމުރުން 37 އަހަރުވާން ގާތްވެފައިވަނިކޮށް، ސީޒަނެއްގެ ތެރޭ ގިނަ މެޗުތަކެއް ކުޅެވިފައިވާ ކަމަށާއި އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހުމުން، އެވޯޑުތައް ހާއްސަކުރަން ބޭނުންވަނީ އާއިލާއަށް ކަމަށެވެ.

މި އަހަރު ގްރެމިއޯއާ ގުޅުނު ސުއަރޭޒް ވަނީ ސީޒަންގެ ވަކި ހިސާބަކުން އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ކުރުކޮށްލައިފައެވެ. މި މަހަށްފަހު ގްރެމިއޯއިން ސުއަރޭޒް ނުފެންނާނެކަން އެ ކްލަބުން ވެސް މިހާރު އިއުލާންކޮށްފައިވާ އިރު، އޭނާ ދެން ގުޅުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގައި އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިންޓަ މަޔާމީއާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގްރެމިއޯގެ ޖާޒީގައި ސުއަރޭޒް މިހާރު ވަނީ އެންމެ ފަހު މެޗު ކުޅެފައެވެ. އެއީ އިއްޔެ ފްލުމިނެންސޭ އަތުން 3-2ގެ ނަތީޖާއަކުން ގްރެމިއޯ މޮޅުވި މެޗުގައެވެ. އެ މެޗުގައި ވެސް ސުއަރޭޒްގެ ދެ ގޯލެއް ފެނިގެންދިޔައެވެ.

comment ކޮމެންޓް