ވަކި ދިރިއުޅުމެއް އުޅެން ކިއާރާ އަދިވެސް ފަރިތައެއް ނޫން

ސިދާތް މަލްހޯތްރާއާއި ކިއާރާ އަދްވާނީ ކައިވެނީގެ ޙަފްލާގައި

މި އަހަރުގެ ފެބްރުއަރީ މަހު ކައިވެނި ކުރި ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ކިއާރާ އަދްވާނީއާއި ސިދާތު މަލްހޯތްރާގެ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ކިއާރާ ވަނީ "ކޮފީ ވިތް ކަރަން"ގެ އެންމެ ފަހު އެޕިސޯޑުގައި ކިޔައިދީފައެވެ.

ކައިވެނި ކުރުމުގެ ޚަބަރު އާއްމުކުރުމާ ހަމައަށް ވެސް ދެ ތަރިންގެ ލޯބީގެ ގުޅުން ސިއްރުކޮށްފައިވާއިރު ނޫސް ރިޕޯޓަރުން އެކަމާ ގުޅޭގޮތުން ކުރާ އެއްވެސް ސުވާލަކަށް ދެ ތަރިން ވެސް ޖަވާބެއް ނުދެއެވެ.

ޑިޒްނީ ހޮޓް ސްޓާއިން ސްޓްރީމް ކުރަމުން އަންނަ "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހު އެޕިސޯޑުގައި ކިއާރާ ވަނީ ސިދާތު ކިއާރާއަށް ކައިވެނި ހުށަހެޅި ހާދިސާ ވެސް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. ދެ ތަރިންގެ ކެރިއަރުގެ ކާމިޔާބު ފިލްމު ކަމަށްވާ "ޝޭރްޝާހް" ރިލީޒްކުރުމަށް ފަހު ސިދާތު ކިއާރާއަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅީ މަގުބޫލު މަންޒިލް ކަމަށްވާ ޔޫރަޕްގެ ރޯމްގައެވެ. ކިއާރާ އާއި ސިދާތުގެ އާއިލާގެ މެމްބަރުންނާ އެކު ޗުއްޓީ ހޭދަކުރަން ރޯމްއަށް ދިޔައިރު ވެސް ސިދާތު ކައިވެނީގެ ހުށަހެޅުމާ ގުޅޭ އެއްވެސް ހިލަމެއް ބަތަލާއަށް ނުލިބޭކަމަށް ކިއާރާ ވަނީ ބުނެފައެވެ.

ކިއާރާއަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅި ދަތުރަށް ފަހު ސިދާތު މިދިޔަ އަހަރުގެ 'ކޮފީ ވިތު ކަރަން'ގެ ސީޒަންގައި ވެސް ބައިވެރި ކަމަށާއި އޭރުވެސް އެކަން އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށް ކިއާރާ ބުނެފައިވެއެވެ. އެ އެޕިސޯޑުގައި ސިދާތު ބައިވެރިވީ ވިކީ ކޯޝަލްއާ އެކުއެވެ. ނަމަވެސް ކަރަންއާއި ވިކީ ކޯޝަލް ސިދާތާއި ކިއާރާގެ ގުޅުމަށް އެއްބަސްކުރުވަން ވަރަށް މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އެކަމުގައި ސިދާތު ކުރި ހޯދީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ބުނެ ކިއާރާ ވަނީ ސިދާތަށް ތަޢުރީފު ކޮށްފައެވެ.

ވިކީ ކޯޝަލް އާއި ކިއާރާ 'ކޮފީ ވިތު ކަރަން' ޝޯވްގައި
ޒަވާޖީ ޙަޔާތެއް ފެށުމަށް ފަހު ކިއާރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެއެއް ބެލެހެއްޓުމުގެ ޒިންމާ ނެގުން ކަމަށް "ކަބީރު ސިންގް"ގެ ބަތަލާ ވަނީ ބުނެފައެވެ. ކިއާރާ އަކީ އަބަދު ވެސް މައިންބަފައިންނާ އެކު ދިރިއުޅެމުން އަންނަ މީހަކަށްވެފައި ވަކިން ގެއެއްގައި ދިރިއުޅެން އެންމެ ފުރަތަމަ އުނދަގޫވިކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކިއާރާގެ އިތުރުން ވިކީ ކޯޝަލް ވެސް ބައިވެރިވި މި އެޕިސޯޑުގައި ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީގެ އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ބެލުންތެރިންނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކެޓްރީނާއާ ކައިވެނި ކުރުމުގެ އެއް ދުވަސް ކުރިން ވިކީއަށް ޖެހުނީ ރަސްމީކޮށް ބަތަލާއަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅަން ކަމަށް ވިކީ ވަނީ ބުނެފައެވެ. މި އެޕިސޯޑު ޑިޒްނީ ޕްލަސް ހޮޓް ސްޓާގައި މިހާރު ވަނީ ސްޓްރީމް ކުރަން ފަށާފައެވެ.

comment ކޮމެންޓް