ސިވިލް ސާވިސް ވަޒީފާތަކަށް ކުރިމަތިލުމާއި ހޮވުން އޮންލައިންކޮށްފި

"ސީއެސްވިއުގަ" ގެ އީ ރެކްރޫޓްމަންޓު މެނޭޖްމަންޓު މޮޑިއުލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު---

ސިވިލް ސާވިސް ގެ މަގާމުތަކަށް އިއުލާނު ކުރުމާއި ހަމައިން ފެށިގެން މީހުން ހޮވުމާ ހަމައަށް ހުރިހާ މަރުހަލާއެއް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެހެން، "ސީއެސްވިއުގަ"އިގެ ނަމުގައި ރެކްރޫޓްމަންޓު މެނޭޖްމަންޓު މޮޑިއުލް މިއަދު އިފްތިތާހުކޮށްފިއެވެ.

މީގެ ކުރިން ސީއެސްސީން ސިވިލް ސާވިސް މަގާމުތަކަށް އިއުލާންކުރުމާއި، އެ މަގާމަށް މީހަކު ހޮވުމާއި، އައްޔަންކުރުމާ ހަމައަށް ވެސް މަސައްކަތް ކުރީ މެނުއަލް ޕްރޮސެސްއެއްގެ ތެރެއިންނެވެ. އަދި އެ ކަމަށް ބޭނުންކުރަނީ ލިޔެކިޔުންތަކުގެ ހާޑް ކޮޕީތަކެވެ.

އެހެންވެ، އިދާރާތަކުން ފޮނުވާ ލިޔުންތަކުގައި ޖެހޭ ކުށުގެ ސަބަބުން، ވަރަށް ގިނަ ފަހަރު އިއުލާނުތައް ބާތިލުކުރަން ޖެހުން ފަދަ ކަންކަން ދިމާވެއެވެ.

މިއީ އެ އިދާރާތަކާއި ސީއެސްސީއަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވާން މެދުވެރިވާ ކަމެކެވެ.

"ސީއެސްވިއުގަ" ގެ އީ ރެކްރޫޓްމަންޓު މެނޭޖްމަންޓު މޮޑިއުލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު---

އެއާއެކު އަލަށް ބޭނުންކުރަން ފެށި އޮންލައިން ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލާ ގުޅޭގޮތުން ސީއެސްސީން ބުނީ، މި އޮންލައިން ނިޒާމުގެ ސަބަބުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މަރުހަލާގައި ހެދޭ ކުށްތައް މަދުކުރުމަށް ފަސޭހަވާނެ ކަމަށެވެ

އެގޮތުން އެންމެ ގާބިލު ފަރާތެއް ދެނެގަންނަން ތައްޔާރުކުރާ އޭ-2 ޝީޓުގެ ކަލްކިއުލޭޝަން ހެދުމުގައި ވެސް ކުށް ހެދޭ ފުރުސަތު ކުޑަވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މި ނިޒާމު މެދުވެރިކޮށް، ހަދާ އެކައުންޓުން ވަޒީފާއަށް ކުރިމަތިލާ މީހުންނަށް، އެ މީހެއްގެ ވަޒީފާގެ މަރުހަލާ ކުރިއަށްދާ ގޮތުގެ މައުލޫމާތު ދުވަހުން ދުވަހަށް ލިބޭނެ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މިއީ ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނާ އެއް ގޮތަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

comment ކޮމެންޓް