މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން, މިހާރު އަމީނީ މަގުގެ ތާރު ނޭޅި އޮތް ހިސާބުގެ މަސައްކަތް ފަށަން، އެ ހިސާބުގެ ބައެއް މަގުތައް ބަންދުކުރަން ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މަސައްކަތް ފެށުމަށްޓަކައި މަގުތަށް ބަންދުކުރާނީ މާދަމާގެ 18:00 އިން ފެށިގެން، މަސައްކަތް ނިމެންދެން ކަމަށެވެ.
އެގޮތުން އަމީނީ މަގާ ގުޅިފައިވާ ބައެއް މަގުތަކާއި ގޯޅިތައް ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވެސް ވަނީ ނިންމައިފައެވެ.
އެގޮތުން ބަންދުކުރާ މަގުތަކުގެ ތެރޭގައި ހިމެނެނީ:
- އަމީނީ މަގު - ހަނދުވަރީ ހިންގުން އަދި ބޮޑުތަކުރުފާނުމަގާ ދެމެދު
- އިއްޒުއްދީން މަގު - ބުރުޒުމަގު އަދި އުޖާލާ ހިނގުމާ ދެމެދު
- ޝަހީދު އަލީ ހިނގުން - ބުރުޒު މަގު އަދި އަމީނީ މަގާ ދެމެދު
- ކަނބާ އައިސަ ރަނި ހިންގުން - ބުރުޒު މަގު އަދި އަމީނީ މަގާ ދެމެދު
ހަމައެއާއެކު ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުގެ ތެރޭ، ބުރުޒުމަގު 341 ނަމްބަރު ކޮށި ހިމެނޭ ސަރަހައްދު ހުޅަނގުން އިރަށް ދުއްވާގޮތަށް ކޮޅު ބަދަލު ކުރުން ހިމެނެއެވެ.
އަމީނީމަގުގައި މިހާރު ނުނިމި އޮތީ ސެގްމެންޓް 12 އާއި 13 ގެ މަސައްކަތެވެ. އެ މަސައްކަތް ކުރާ އާރްޑީސީން މިއަދު ބުނީ އަމީނީ މަގުގެ ނުނިމި އޮތްބައިގެ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
އަމީނީ މަގުގެ މިހާރު ނުނިމި އޮތް ހިސާބަކީ ވަރަށް ކާރޫބާރު ބޮޑު ހިސާބެކެވެ.
އެގޮތުން ހާބަރު ފުޑްކޯޓުތަކުގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި ދިރާގު ހެޑް އޮފީހުގެ އިތުރުން، އައިޖީއެމްއެޗް ހޮސްޕިޓަލު ވެސް އެ ސަރަހައްދުގައި ހުރެއެވެ. ހަމައެއާއެކު ދެ ސްކޫލެއް ވެސް އެ ހިސާބުގައި ހުންނައިރު، މަގު ހަދަން ބަަންދުވުމުން ވަރަށް ބޮޑަށް އާންމުންނަށް ދަތިވުމުގެ ފުރުސަތު އޮންނާނެއެވެ.