ޕޫޓިންއަށް ޔޫއޭއީއާއި ސައޫދީން ހޫނު މަރުހަބާއެއް ކިޔުމުން އެމެރިކާގެ ނުރުހުން

ޕޫޓިންއާއި ބިން ސަލްމާން ބައްދަލުކުރައްވަނީ --

ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ގަލްފުގެ ދެ ގައުމު ކަމަށްވާ ޔޫއޭއީއަށާއި ސައޫދީ އަރަބިޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން އެ ދެ ގައުމުން ޕޫޓިންއަށް ހޫނު މަރުހަބާއެއް ކިޔާފައިވާތީ އެމެރިކާއިން ހިތްހަމަނުޖެހި، ރުޅި ގަދަވެއްޖެއެވެ.

ޕޫޓިންގެ ދަތުރުފުޅާ ބެހޭގޮތުން ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ ޕޫޓިންއަކީ ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަފަށައި ބައިނަލްއަގުވާމީ ގާނޫނާއި ގަވާއިދަށް ގޮންޖައްސަވަމުން ގެންދަވާ ހަރުކަށި އަނިޔާވެރި އަދި ރަހުމެެއްނެތް ބޭފުޅެއް ކަމަށާއި ޕޫޓިންގެ އަމަލުތަކުގެ އަދަބު އޭނާއަށް ލިބެންޖެހޭނެކަން ހުރިހާ ގައުމުތަކުން ދަންނަންޖެހޭނެ ކަމުގައެވެ.

އަދި، ޕޫޓިންއަކީ އެކަހެރި ކުރަންޖެހޭ ބޭފުޅެއް ކަމަށާއި ޕޫޓިންގެ ޒައާމަތުގައި ރަޝިއާ ވެސް އެކަހެރި ކުރަންޖެހޭ ކަމަށް އެމެރިކާގެ މަސްއޫލުވެރިއާ ވިދާޅުވިއެވެ.

ގަލްފުގެ ދަތުރުފުޅުގައި ޕޫޓިން އެންމެ ފުރަތަމަ ވަޑައިގެންނެވީ ޔޫއޭއީއަށެވެ. އެމެރިކާގެ ޝުއޫރުތަކަށް ބެލުމެއްނެތި ޔޫއޭއީ ވެސް އަދި ސައޫދީ ވެސް ޕޫޓިންނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ.

ޔޫއޭއީން ޕޫޓިންއަށް 21 ބަޑީގެ ސަލާމެއް އަރުވައި އަދި އަސްކަރީ އެއާޝޯވް އެއްވެސް ޕޫޓިންގެ ޝަރަފުގައި ބޭއްވިއެވެ. ސައޫދީން ވެސް ޕޫޓިންއަށް މަރުހަބާ ކިޔުމުގެ ގޮތުން ބޮޑު ހަފުލާއެއް ބޭއްވިއެވެ. ޔޫއޭއީއާއި ސައޫދީގެ އިސްވެރިން ޕޫޓިންއާ އެކު ދިގު މަޝްވަރާތަކެއް ކުރެއްވިއެވެ.

ދެ ގައުމުގެ ވެރިން ޕޫޓިންއާ ކުރެއްވި މަޝްވަރާތަކުގައި ހިމެނެނީ ހަކަތައާ ބެހޭ ސިނާއަތުގައި ރަޝިއާއާ ގުޅުންތައް ގާއިމުކުރުމާއި ރަޝިއާއާ އެކު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ. އަދި، ވިޔަފާރީގެ މުއާމަލާތްތަކުގެ އެމެރިކާ ޑޮލަރުގެ ބަދަލުގައި މި ތިން ގައުމުގެ ފައިސާ ބޭނުންކުރާ މިންވަރު އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕޫޓިންއާ ބައްދަލުކުރެއްވުމަށް ފަހު ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ ރަޝިއާއާއި ސައޫދީއާ ދެމެދު ބަދަހިވަމުންދާ ގުޅުންތަކަށް އެއްވެސް ފަރާތަކަށް ހުރަސްނޭޅޭނެ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ އަމަނާބެހޭ ކަންކަމުގައި ރަޝިއާގެ ދައުރު ފުޅާކުރުމަށް ތާއީދުކުރައްވާ ކަމަށާއި އެ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ބިން ސަލްމާން ވިދާޅުވިއެވެ. މިއީ ބިން ސަލްމާން، އެމެރިކާއަށް ނުސީދާ ގޮތެއްގައި ދެއްވި މެސެޖެއް ކަމަށް ވަނީ ބެލެވިފައެވެ.

ރަޝިއާ އެކަހެރިކުރަން އެމެރިކާ ކުރާ މަސައްކަތް ކާމިޔާބު ވެފައިނުވާއިރު ރަޝިއާ އިގުތިސާދީ ގޮތުން އިނދަޖައްސާލުމަށްޓަކައި އެމެރިކާ އެޅި ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތައް ވެސް ރަޝިއާއަށް ކުރާ މިންވަރު ވަރަށް ކުޑަކަން ފާއިތުވި ދޮޅު އަހަރު ތެރޭގައި ވަނީ ހާމަވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިއާގެ އިގުތިސާދު މިހާރު ވަނީ ޔުކްރެއިން ހަނގުރާމަ ފެށުމުގެ ކުރީގައި އޮތް ހާލަތަށްވުރެ ވެސް އުފެއްދުންތެރިކަމުގެ ގޮތުން ރަނގަނޅު ހާލަތެއްގައެވެ.

އަނެއްކޮޅުން ރަޝިއާ ޔުކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ ޔުކްރެއިން ވަނީ އަސްކަރީ ގޮތުން އިނދަޖެހޭ ހިސާބުގައެވެ. ނޯވޭ ފަދަ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ވެރިން މިހާރު ވަނީ ރަޝިއާއާ ވާހަކަ ދައްކައި ރަޝިއާއާ އެކު ސުލްހައިގެ އެއްބަސްވުމަކަށް ޔުކްރެއިން ގޮސްގެން މެނުވީ ޔުކްރެއިނަށް ރައްކާތެރިކަން ނޯންނާނެ ކަމާއި އެ ނޫން ގޮތަކަށް މިހާރު މިއޮތް ހާލަތުން ޔުކްރެއިނަށް އަރައި ނުގަނެވޭނެ ކަމަށް ވިދާޅުވެ، ފާޅުގައި ވާހަކަދައްކަވަން ފަށާފައެވެ.

މިއީ އެމެރިކާގެ ސިޔާސަތާއި އަދި ވިސްނުމާ މުޅިން އިދިކޮޅު ކަމެކެވެ. އެމެރިކާގެ ސިޔާސަތަކީ ޔުކްރެއިނަށް ހަތިޔާރު ދީގެން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރުމެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި އުދުވާނާ އެކު ޔުކްރެއިން ވަނީ އެ ގައުމު ބޭނުންވާވަރާ ގާތަށް ވެސް އެމެރިކާއާއި ޔޫރަޕުން ހަތިޔާރު ނުލިބޭކަމުގެ ޝަކުވާ ކުރަން ފަށައިފައެވެ.

comment ކޮމެންޓް