ކޮރަޕްޝަނަަކީ ރާއްޖެއާ ވަރަށް ބީރައްޓެހި ކަމެއް ކަމަށާއި ދިވެހި ތާރީޚަށް ބަލާއިރު އެކަމުގެ ރީތި މިސާލުތައް ފެންނަން އެބަހުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ތާރީޚަށް ބަލާއިރު، އިބްނުބަތޫތާ ފަދަ ބޭރުގެ މުއައްޚިރުންގެ ލިޔުއްވުންތަކުން ފެންނަނީ ދިވެހިންގެ މާތް ސިފަތަކާއި ހަރުދަނާ އަޚުލާގާއި ދީނަށް ކަމޭހިތުމުގެ ވާހަކަތައް ކަމަށެވެ.
އިބްނުބަތޫތާ ރާއްޖޭގައި އުޅުއްވި ދުވަސްވަރު ރަސްކަމުން ފަނޑިޔާރުގެ މިނިވަންވެފައި އޮތުމުން، އެކަމަށް އޭނާ ތައުރީފު ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
"ރާއްޖެ ކުރިއަރައި ދާނީ މިފަދަ ނަމޫނާ ސިފަތަކުން. ބޭރު މީހުންގެ އިތުބާރު ދިވެހިންނާ މެދު އުފެދޭނީ ރީތި އަހުލާގުން، ތަހުޒީބު ދިރިއުޅުމަކުން، ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އެ ނޫން ވެސް ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމެންޓުތައް ލިބޭނީ މިކަންކަން އާލާކުރެވިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަން ޖެހޭ ކަމަށާއި އެއީ ދިވެހި ގައުމަކަށްޓަކައި ކުރާ ކަމަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ ތިމާއާ ހަމައިން ފެށޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެފަދަ ހެޔޮ ބަދަލު އަމިއްލަ ނަފުސަށް ގެނެސްގެން، އެތައް ބަޔަކު ކުރާ ތެދުވެރި އިޚުލާސްތެރި މަސައްކަތުން ދުނިޔެއަށް ހެޔޮ ބަދަލު ގެނެސްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މި ސަރުކާރު ކޮރަޕްޝަނެއް ނެތި ހިންގާނެ ކަމަށާއި ސަރުކާރުގައި ހިމެނޭ މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ އަމަލެއް ހިންގިކަން ސާބިތުވެއްޖެ ނަމަ އެ މީހަކަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި އެއީ ކުޑަޔަށް ބޮޑަސް މި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެކަމުގެ ޔަގީންކަން ދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައިވަނީ، ރާއްޖޭގައި ކޮރަޕްޝަނާ މެދު އާންމުން ދެކޭ ގޮތް ވަޒަން ކުރުމަށް ގައުމީ ފެންވަރުގައި ހަދާފައިވާ ދިރާސާއެއް ނެރެފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މާލީ މިނިވަންކަން ހޯދުމުގެ ގޮތުން އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑަކާއި މި ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އެންޓި ކޮރަޕްޝަން އެކެޑެމީއެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.