އަންހެން ކުރިކެޓު: އިނގިރޭސިން އިންޑިއާ ބަލިކޮށްފި

އިންގްލަންޑްގެ މެޓްސްމަނުންވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައި -- ފޮޓޯ/ ސްކުރޯލް ޑޮޓް އައިއެން

ޓީ20 ކްރިކެޓު މުބާރާތުގެ ފުރަތަމަ މެޗު އިންޑިއާގެ އަންހެން ޓީމާ ދެކޮޅަށް ކުޅެ، އިނގިރޭސިވިލާތުން ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ މުންބާއީގެ ވަންހެޑޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިނގިރޭސިވިލާތުން ކާމިޔާބުކޮށްފައިވަނީ 38 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.

އިނގިރޭސިވިލާތުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 197 ލަނޑު ހެދިއެވެ. ނަމަވެސް މި އީނިންގްސްގައި އިނގިރޭސިވިލާތުގެ ފެށުން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ދެ ލަނޑަށް ދެ ވިކެޓް ގެއްލިގެން ދިޔައެވެ. ނަމަވެސް ނެޓް ސްކިވާ ބްރަންޓްއާއި ޑެނީ ވިޔަޓްގެ ގުޅުން ވެގެންދިޔައީ މި މެޗު ކާމިޔާބު ކުރެވުމުގެ އަސްލަށެވެ. މިގޮތުން ސްކިވާ ބްރަންޓް 77 ލަނޑު ހަދައިދިން އިރު ވިޔަޓްވަނީ 75 ލަނޑު ހަދައިދީފައެވެ.

އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 27 ލަނޑަށް ތިން ވިކެޓު ނަގައިދިން ރެނޫކާ ސިންގް ޓާކޫރެވެ.

ޖަވާބުގައި އިންޑިއާއިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. އިންޑިއާއަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 52 ލަނޑު ހަދައިދިން ޝެފާލީ ވަރްމާއެވެ. އަދި، ކެޕްޓަން ހަރުމަންޕްރީތު ކައުރު ވަނީ 26 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި އިނގިރޭސި ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 15 ލަނޑަށް ތިން ވިކެޓް ނަގައިދިން ސޯފީ އެކްލްސްޓޯނެވެ.

އިނގިރޭސި އަންހެން ކްރިކެޓް ޓީމުން އެންމެ ފަހުން ކުޅުނު ދެ ސީރީޒްގައި އޮސްޓްރޭލިއާއާއި ސްރީލަންކާއާ ދެކޮޅަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މި ސީރީޒަށް އިނގިރޭސީން ތައްޔާރުވެފައިވަނީ މުންބާއީގައި ސްޕިން ކޭމްޕެއް ބާއްވައިގެންނެވެ.

އިނގިރޭސިވިލާތާއި އިންޑިއާގެ އަންހެން ކްރިކެޓް ޓީމު ޓީ20ގެ ތިން މެޗުގެ ތެރެއިން ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އަނެއްކާ ވެސް މި ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް