އިޓަލީވިލާތުގައި ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވިކްޓާ އޮސިމްހޭނަށް

އޮސިމްހޭން ވަނީ މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި -- ފޮޓޯ/ ކޯޓް އޮފް ސައިޑް

އިޓާލިއަން ފުޓުބޯޅަ އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިޓާލިއަން ސެރީއާގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއަށް ކުޅޭ ނައިޖީރިއާގެ ފޯވަޑް ވިކްޓާ އޮސިމްހޭންއަށް ލިބިއްޖެއެވެ.

އޮސިމްހޭންއަށް މި އިނާމު ލިބިފައިވަނީ 33 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިޓާލިއަން ސެރީއާގެ ތަށި ކާމިޔާބު ކޮށްދިނުމުގައި އޭނާ އަދައިކުރި މުހިންމު ދައުރުގެ ސަބަބުންނެވެ.

މިދިޔަ ސީޒަންގައި އޮސިމްހޭންވަނީ ނަޕޯލީއަށް 26 ލަނޑު ސެރީއާގައި ކާމިޔާބުކޮށްފައެވެ. އެއާއެކު އާނާވަނީ އިޓާލިއަން ސެރީއާ ދުށް އެންމެ ފާހަގަކޮށްލެވުނު އެއް ފޯވަޑުކަމަށްވާ އޭސީ މިލާންގެ ކުރީގެ ފޯވަޑް އަދި ލައިބީރިއާގެ މިހާރު ރައީސް ޖޯޖް ވެއާ ހޯއްދެވި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ރިކޯޑް މުގުރައިލައިފައެވެ.

މީގެ އިތުރުން އޮސިމްހޭން ވެފައިވަނީ މި އިނާމު ލިބުނު އެފްރިކާގެ ފުރަތަމަ ކުޅުންތެރިޔާއަށެެވެ. މީގެ ކުރިން މި އިނާމު ހާސިލްކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޒްލަޓާން އިބްރަހިމޮވިޗް، އަންޑްރިއާ ޕީރްލޯ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ރަފައެލް ލިއާއޯއެވެ.

އިނާމު ލިބުމުން އޮސިމްހޭންވަނީ އެކްސް މެދުވެރިކޮށް އޭނާއަށް ލިބުނު މި އިނާމަށް ޝުކުރު އަދައިކޮށްފައެވެ. އުމުރުން 24 އަހަރުގެ އޮސިމްހޭން އަންނަނީ މި އިނާމުގެ އިތުރުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް ކަފް އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމަށް ވެސް ވާދަކުރަމުންނެވެ.

comment ކޮމެންޓް