ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި އަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރަން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނީ، ވީލްޗެއާ ހަދިޔާކުރަން ނިންމީ ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށް ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގޮރާމްގެ ދަށުން ކަމަށެވެ.
ހަ އަހަރު ކުރިން 2017 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން ހިންގަން ފެށި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 90އަށް ވުރެ ގިނަ ރަށަށް 230އަށް ވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން އަމިއްލައަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭ މީހުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ އިތުރުން، އެއް ތަނުން އަނެއް ތަނަށް ދިއުމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހޭ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށް މި އަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާ ވެސް ހަދިޔާކޮށްފައެވެ.
މިކަމާ މެދު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ, ގިނަ އާއްމުންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި، ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ދައުރެއް އަދާކޮއްދޭ އަދި މުޖުތަމައުގެ ލާބަ އާއި މަންފާއަށް ކުރާ އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ކާލް ސްޓުމްކަ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް ބޭންކުން ތަފާތު ޕްރޮގްރާމްތަށް ހިންގައެވެ. މިގޮތުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މުހިއްމު ބަދަލުތަށް ގެނައުމަށް ހިންގަމުންދާ ޕްރޮޖެކްޓަށް ވެސް ބޭންކުން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.