މީހުންނަށް ނުރައްކާވާގޮތަށް ފެމިލީ ކޯޓު ކައިރީ ޓިނުތަކެއް ހުންނަތާ ދެ ހަފުތާ

މީހުންނަށް ނުރައްކާވާގޮތަށް ފެމިލީ ކޯޓު ކައިރީ ޓިނުތަކެއް ބަހައްޓާފައި

ބޭރުމަގު ފެމިލީ ކޯޓު ކައިރީގައި މީހުންނަށް ނުރައްކާވާ ގޮތަށް ޓިނުތަކެއް ހުންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރައްކާތެރިކަން ކުޑަ ގޮތަކަށް އެ ޓިނުތައް ބަހައްޓާފައި ހުރީ ފެމެލީ ކޯޓުގެ ބޭރު ފާރު ކައިރިއެވެ. ޓިނުގެ އިތުރުން ކުނި އަޅާފައިވާ ގޯނިތަކެއް ވެސް އެތަނުގައި ބަހައްޓާފައި އެބަހުއްޓެވެ.

ފެމެލީ ކޯޓް ހުންނަ އެ މަގަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ދުވެ، ހިނގާ ހިސާބެކެވެ. އެ ޓިނުތައް ބަހައްޓާފައި ހުރިގޮތުން މީހަކަށް އަނިޔާއެއް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ހާއްސަކޮށް ރޭގަނޑު އެފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ، އެތަނުގައި ޓިނުތައް ހުންނަ މައްސަލަ ފެމެލީ ކޯޓްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މަގުފާރަވެރިންނަށް އެތައް ފަހަރެއްގެ މަތިން އޭނާ ރިޕޯޓު ކޮށްފައި ވާކަމަށެވެ.

މީހުންނަށް ނުރައްކާވާގޮތަށް ފެމިލީ ކޯޓު ކައިރީ ޓިނުތަކެއް ބަހައްޓާފައި

ނަމަވެސް، އަދިވެސް އެތަކެތި ނަގާފައި ނުވާކަމަށް އޭނާ ބުންޏެވެ.

"މިއީ ވަރަށް ނުރައްކާ ކަމެއް ނޫންތޯ. މީހެއްގެ ފައިގައި އެޅިއްޖެނަމަ ނާރެއް ވެސް ބުރި ވެދާނެ. އެހާ ވެސް ނުރައްކާކޮށް އެ ހުރީ ބަހައްޓާފައި. ރައްކާތެރިވާން ބޯޑެއް ހިސާބު ވެސް ނެތް،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

"އަޅުގަނޑު ދެ ހަފުތާ ވެއްޖެ މި މައްސަލަ ރިޕޯޓް ކުރާތާ. އެކަމަކު އެއްވެސް ހައްލެއް ނުވި."

މީގެ ކުރިން ވެސް އެފަދަ ޓިނުތަކުން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި އެބަހުއްޓެވެ.

ބެލެވޭގޮތުގައި މީހުންގެ ޝަކުވާ ބޮޑުވެފައިވާ އެ ޓިނުތަކަކީ ފެމެލީ ކޯޓްގެ މަރާމާތަށް ފަހު އެތަނުގައި ބަހައްޓާފައި ހުރި ތަކެއްޗެވެ. މިފަހުން ފެމެލީ ކޯޓުގެ އެތެރެއަށް ވާރޭ ވެހޭތީ މަރާމާތުތަކެއް ވަނީ ކޮށްފައެވެ.

comment ކޮމެންޓް