ޖެނުއަރީ މަހު 174 ކައިވެނި ކުރިއިރު، 88 ވަރި

ޖެނުއަރީ މަހު 174 ކައިވެނި ކުރިއިރު، 88 ވަރި ކޮށްދިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނޭ-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ޖެނުއަރީ މަހު ފެމިލީ ކޯޓުން 174 ކައިވެނި ކޮށްދިންއިރު، 88 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ޖެނުއަރީ މަހު ވަރީގެ 133 މައްސަލަ ވަނީ ނިންމާފައެވެ.

ފެމިލީ ކޯޓުން ބުނީ ޖެނުއަރީ މަހު ވަރިވުމަށް އެދި 64 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ކުރިން ހުށަހަޅާފައިވާ މައްސަލަތަކާއެކު ވަރިވުމަށް އެދި ހުށަހެޅި 119 މައްސަލައެއް އަދި ނުނިމި އެބަ އޮތެވެ.

އެ ކޯޓުގެ ތަފާސްްހިސާބުތަކަށް ބަލާއިރު ވަރި ސާބިތުކުރުމަށް އެދި 54 މައްސަލައެއް ނިމިދިޔަ ޖެނުއަރީގައި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން ޑިސެންބަރުގެ ބާކީ 36 މައްސަލައަކާއެކު ޖެނުއަރީ މަހު އެކޯޓުން ނިންމާފައިވަނީ 42 މައްސަލައެކެވެ. އަދި ނުނިމި 48 މައްސަލަ އެބައޮތް ކަމަށް އެ ކޯޓުން ބުނެއެވެ.

މީގެ އިތުރުން، ފެމިލީ ކޯޓުން ބުނީ ވަރިކުރުމަށް އެދި 28 މައްސަލައެއް ޖެނުއަރީ މަހުގައި ހުށަހެޅި ކަމަށާއި ވަރިއާމެދު ޝައްކުވެގެން ދެ މައްސަލައެއް ހުށަހެޅި ކަމަށެވެ.

ކުދިންނާ ގުޅުން ހުރި ނުވަ މައްސަލައެއް ޖެނުއަރީގައި ހުށަހަޅާފައިވާއިރު، ނިމިދިޔަ މަހުގެ ބަޔާ ލައިގެން ނިންމުނީ 11 މައްސަލަ ކަމަށް އެ ކޯޓުން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޚަރަދުގެ 14 މައްސަލައަކާއި ގެވެށި އަނިޔާއާ ގުޅޭ އަށް މައްސަލައަކާއި އާއިލީ އެހެނިހެން 17 މައްސަލައެއް ޖެނުއަރީ މަހުގައި ހުށަހަޅާފައިވެއެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އެ ކޯޓަށް ނިންމުނީ ޖުމުލަ 185 މައްސަލަ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

comment ކޮމެންޓް