ފްރާންސްގެ ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ޓޯޓަލް އެނާޖީސް އިން ކަޒަކިސްތާނު ސަރުކާރާއެކު އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމުގެ 1.4 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް28 ސަމިޓުގެ ތެރޭގައެވެ.
ކަޒަކިސްތާނުގެ ޒަމްބިލް ސަރަޙައްދުގައި ތަރައްގީކުރާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުގައި 600 މެގަވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ވެސް ހުންނާނެއެވެ.
މި އިިންވެސްޓްމަންޓުގެ ތެރެއިން ކަޒަކިސްތާނުގެ އޮންޝޯ ވިންޑް އެންޑް ބެޓެރީ ސްޓޯރޭޖް ޕްރޮޖެކްޓްގައި ޖުމްލަ 1.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ވެސް ހިމެނެއެވެ.
މީގެ ސަބަބުން އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ލޯ ކާބަން ކަރަންޓް ފޯރުކޮށްދެވޭނެއެވެ.
މިރްނީ ވިންޑް ޕްރޮޖެކްޓަކީ ކަޒަކިސްތާނުގެ ގައުމީ މުއްސަނދިކަމުގެ ފަންޑު ސަމްރުކް-ކަޒީނާއާއި ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ކަޒްމުނޭގަސް އާ ގުޅިގެން ޓޯޓަލް އެނާޖީސް އިން ތަރައްގީ ކުރާ ޕްރޮޖެކްޓެކެވެ.
މިރްނީ އޮންޝޯ ވިންޑް ޕްރޮޖެކްޓްގައި ކަޒަކިސްތާނުގެ ދެ ކުންފުންޏެއްގެ 20 ޕަސެންޓް ހިއްސާ އޮންނާނެ އެވެ.
މިރްނީ ވިންޑް ފާމަށް 25 އަހަރުގެ ކަރަންޓް ގަތުމުގެ އެއްބަސްވުމެއްގައި ޓޯޓަލް އެނާޖީސްގެ ސަބްސިޑަރީ ޓޯޓަލް އެރެން އާއި ކަޒަކިސްތާނު ސަރުކާރުގެ ހިއްސާ އޮންނަ ޕަބްލިކް އެންޓިޓީއެއް ކަމަށްވާ ފައިނޭންޝަލް ސެޓްލްމަންޓް ސެންޓާ އޮފް ރިނިއުބަލް އެނާޖީ އިން މި އަހަރުގެ ޖޫން މަހު ވަނީ ސޮއިކޮށްފައެވެ.