ސުއަރޭޒް، އިންޓަ މަޔާމީގެ ކޮންޓްރެކްޓުގައި ސޮއިކުރުމާ ގާތަށް

ގްރެމިއޯގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް -- ފޮޓޯ/ ގެޓީ

އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް، އިންޓަ މަޔާމީގެ ކޮންޓްރެކްޓުގައި ސޮއިކުރުމާ ގާތަށް ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސުއަރޭޒަށް މަޔާމީން ފުރަތަމަ ހުށަހަޅާނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. މަޔާމީގެ ކޮންޓްރެކްޓުގައި ސުއަރޭޒް އަދި ސޮއިކޮށްފައި ނުވި ނަމަވެސް، ގްރެމިއޯއާ އެކު ބްރެޒިލްގެ ފުޓުބޯޅަ ސީޒަން ނިމުމާއެކު އޭނާ ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާއަށް އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ، މިދިޔަ ޖުލައި މަހު އިންޓަ މަޔާމީއާ ގުޅުނު ހިސާބުން ސުއަރޭޒް ވެސް އެ ކްލަބާ ގުޅޭ ވާހަކަތައް ދެކެވެން ފެށިއެވެ. އެ ޓްރާންސްފާގެ ވާހަކަތައް ދެކެވެމުން ދަނިކޮށް، ގްރެމިއޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓު ވެސް މި ސީޒަނުގެ ނިޔަލަށް ސުއަރޭޒް ވަނީ ބަދަލުކޮށްފައެވެ.

އުމުރުން 36 އަހަރުގެ ސުއަރޭޒް، އިންޓަ މަޔާމީއަށް ސޮއިކުރަން ޖެހޭނީ ކުޑަ މުސާރައެއްގައެވެ. އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ ގަވާއިދު ބުނާގޮތުން ބޮޑެތި މުސާރަތަކުގައި ކޮންމެ ކްލަބަކަށް ވެސް ގެނެވޭނީ ތިން ކުޅުންތެރިންނެވެ. މިހާރު އިންޓަ މަޔާމީގައި ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ބާސާގައި ސުއަރޭޒާ އެކު ކުޅުނު މެސީ އަދި ސާޖިއޯ ބުސްކެޓްސްގެ އިތުރުން އެކުއެޑޯ ފޯވަޑް ލިއަނާޑޯ ކެމްޕާނާއެވެ. ބާސާއަށް ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާ ވެސް ބާސާއަށް ކުޅެނީ ކުޑަ މުސާރައެއްގައެވެ.

އީސްޓާން ކޮންފަރެންސްގެ 14 ވަނައިގައި ނިންމާލަން ޖެހުމުން އިންޓަ މަޔާމީއަށް ވަނީ އެމްއެލްއެސްގެ ފައިނަލް ސީރީޒް އިން ފުރުސަތު ނުލިބި، ސީޒަން ނިންމާލަން ޖެހިފައެވެ. އެހެންކަމުން މިހާރު އިންޓަ މަޔާމީން މަސައްކަތްކުރަމުންދަނީ އަންނަ ސީޒަނަށެވެ.

comment ކޮމެންޓް