އައިޝްވާރިޔާ ވަރިއެއް ނުވޭ

އައިޝްވަރިޔާ ރާއީ ދަރިފުޅު އަރާދްޔާ އަދި ފިރިމީހާ އަބިޝެކާ އެކު

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ ބައްޗަން އާއިލާގެ ދެމަފިރިން ކަމަށްވާ އައިޝްވަރްޔާ ރާއީއާއި އަބިޝެކް ބައްޗަންގެ ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް ދޭހަވާ ޚަބަރުތަކަށް ރައްދު ދީފިއެވެ.

އަބިޝޭކް ބައްޗަނަށް ބޮޑުބޭބެ ކިޔާ އަގަސްތިޔާ ނަންދާ ބޮލީވުޑަށް ތަޢާރަފުވާ ފިލްމު "ދަ އާޗީޒް"ގެ ޕްރިމިއާއަށް ބައްޗަން އާއިލާއާ އެކު އައިޝްވަރިޔާ ދިޔަތަން ފެނުމާ އެކު ނޫސްވެރިންގެ އަނގަ ބަންދުވިއެވެ. ބައްޗަން އާއިލާގެ ހުރިހާ މެންބަރުން ބައިވެރިވި މި ޙަފުލާގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަމީތާބު ބައްޗަންގެ ރަޙްމަތްތެރިން ވެސް ވަނީ ބައިވެރިވެފައެވެ.

'ދަ އާޗީސް' ޕްރިމިއާގައި އައިޝްވަރްޔާ އާއިލާއާ އެކު

އަބީޝެކް އާއި އައިޝްވަރިޔާ އަދި ދަރިފުޅު އާރަދްޔާ އެކީގައި "ދަ އާޗީޒް"ގެ ޕްރިމިއާގައި ބައިވެރި މަންޒަރާ އެކު މީސްމީޑިއާގައި ގިނަ ބަޔަކު ބުނެފައިވަނީ މި ދެމަފިރިން ވަރިކުރުވި ބަޔަކީ މީޑިއާ ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ އަބިޝެކް ބައްޗަންގެ އިނގިލީގައި އެންގޭޖްމެންޓް އަނގޮޓި ނެތުމުގެ ސަބަބަކީ އެކްޓަރުގެ އަތުގެ އިނގިލިތައް އިހުނަށްވުރެ ފަލަވުން ކަމަށެވެ. މި މޭރުމުން އެއްބަޔަކު އަނެއްބަޔަކު އިންޓަނެޓުގެ އެކި މަސްދަރުތަކުގައި މިކަމާ ގުޅޭގޮތުން ބޮޑު ބަހުސެއް ކުރިއަށް ގެންގޮސްފައިވާއިރު މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް ބައްޗަން އާއިލާގެ އެއްވެސް މެންބަރަކު ވާހަކަދައްކާފައެއް ނުވެއެވެ.

އަބިޝޭކް ބައްޗަނާއި އައިޝްވަރްޔާ ރައީގެ މެދުގައި މައްސަލަޖެހުނު ކަމުގެ އަޑު ފެތުރެން ފެށީ އަމީތާބު ބައްޗަންގެ ދުވަސްވީ އެންމެ ހިތްގައިމު ބަންގްލޯ އަންހެން ދަރިފުޅު ޝްވެތާ ބައްޗަނަށް ހަދިޔާކުރި ޚަބަރާ އެކުގައެވެ.

އަބީޝެކް އާއި އައިޝްވަރިޔާ ރާއީ

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ބަތަލާ އައިޝްވަރިޔާއާއި އަބިޝެކް ބައްޗަން ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2007ވަނަ އަހަރުއެވެ. އައިޝްވަރިޔާއާ ކައިވެނިކުރުމުގެ ކުރިން އަބިޝެކާއި ބަތަލާ ކަރިޝްމާ ކަޕޫރުގެ ކައިވެނި ވެސް އިއުލާނުކުރެވުނެވެ. ނަމަވެސް މި ކައިވެނި އިއުލާނުކުރިތާ މާ ގިނަ ދުވަހެއް ނުވެ ރޫޅުނުއިރު މިއަދާ ހަމައަށް ވެސް އޭގެ ސަބަބު އެއްވެސް ފަރާތަކަށް ނޭނގެއެވެ.

އަބިޝެކާ ގުޅުމުގެ ކުރިން އައިޝްވަރްޔާ ވަނީ ސަލްމާން ޚާން އަދި ވިވެކް އޮބްރޯއީއާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ.

comment ކޮމެންޓް