ރާއްޖޭގެ ހައިކޯޓުގެ މުވައްޒަފުންނަށް ޚާއްޞަކޮށް، ދިވެހި ބަހުގެ އެކެޑަމީން ދިވެހިބަހުގެ ކޯހެއް މިއަދު ފަށައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީގައި ކުރިއަށްގެންދާ އެ ކޯސް ފެށުމަށް މިއަދު އެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވިދާޅުވީ މި ކޯސްތައް ކުރިއަށްގެންދަނީ ހައިކޯޓުން އެދިގެން ކަމަށެވެ.
މިކަމުން ހާމަވަނީ، ހައިކޯޓުގެ މުވައްޒަފުންނަށް ދިވެހިބަހުން ތަމްރީނު ހޯދައިދިނުމަށް ހައިކޯޓްގެ ވެރިން އިސްކަންދެއްވާކަން ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް --ސަންފޮޓޯ/ މުހައްމަދު މާވީ
އެ ރަސްމިއްޔާތުގައި، ހައިކޯޓްގެ ޗީފް އެޑްމިނިސްޓްރޭޓަރު ސުލްޠާނާ ޝާކިރު ވިދާޅުވީ މި ކޯހަކީ އެ ކޯޓުގެ މުވައްޒަފުންނަށް ފައިދާހުރި ކޯހަކަށް ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި މަސައްކަތުގައި ބުރަކޮށް އުޅެމުން ވެސް މުވައްޒަފުން ކޯހުގައި ބައިވެރިވުމަކީ، މުވައްޒަފުންގެ ހިތުގައި ދިވެހިބަހަށް އޮތް އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލްޠާނާ ވިދާޅުވީ ހައިކޯޓުން ނެރޭ ލިޔުންތަކުގެ ފެންވަރު ދެމެހެއްޓުމަށް މުވައްޒަފުން ތަމްރީނުކުރަން ރާވާފައިވާކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކެޑަމީއާ ގުޅިގެން މިފަދަ ކޯސްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހައިކޯޓްގެ ޗީފް އެޑްމިނިސްޓްރޭޓާ ސުލްޠާނާ ޝާކިރު --ސަންފޮޓޯ/ މުހައްމަދު މާވީ
''މި ކޯހަކީ ހައިކޯޓުގެ މުވައްޒަފުން ތަމްރީނުކުރަން ރާވާފައި ހުރި ކަންތައްތަކުގެ ތެރެއިން ކަމެއް، މީގެ އިތުރުން ވެސް އިތުރު ކޯސްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި،'' އޭނާ ވިދާޅުވިއެވެ.
ފަސް ދުވަހުގެ އެ ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހައިކޯޓުގެ މުވައްޒަފުން ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ދަންފަޅިއެއްގައި ބައިވެރިވާނީ 28 މުވައްޒަފުންނެވެ.