އިސްރާއީލުގެ އަސްކަރީ ޖެޓުތައް މެދުވެރިކޮށް ވައިގެ މަގުން އަލް ދަރާޖް ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ދެ ސްކޫލަކަށް ބޮން އަޅައި 50 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާއާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ޒަޚަމް ވެސް ވަނީ ވެފައެވެ. ހަމަލާ ދިނުމާއެކު ޒަޚަމްވެފައިވާ އެންމެން އެ ސަރަހައްދާ ކައިރީގައި ހުންނަ އަލް އަހުލީ އަރަބި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ޔަހޫދީ އިސްރާއީލުން ހަމަލާ ދީފައިވަނީ އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (ޔޫއެންއާރުޑަބްލިޔުއޭ) އިން ހިންގާ ސަލާހު އަދުއްދީން ސްކޫލާއި އަލްދަރާޖްގައި ހުންނަ ޝަހީދު އަސަދު ސަފްތާވީ ސްކޫލަށެވެ.
ހަމަލާގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ވެސް ފަލަސްތީނުގެ ވަފާ ނޫހާ ހަވާލާދީ އަހްރަމް އޮންލައިނުން ރިޕޯޓުކުރެއެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ބޮން ގޮއްވުމުގެ ސަބަބުން މަރުވި މީހުން ނެރުމާއި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް އެމަޖެންސީ އެހީ ދޭ ޓީމުތަކުން ކުރާ މަސައްކަތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 15,899 އަށް އަރައިފައެވެ.
އޭގެ ތެރޭގައި 6,500 އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ.
ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި 6,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ބުނެއެވެ. ހަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 40,000 އަށް އަރައިފައެވެ.