ރާނީ އެންމެ ދެރަވީ 'ލަގާން'އިން ވަކިވި ދުވަހު

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ރާނީ މުކަރުޖީގެ ދިގު ފިލްމީ ކެރިއަރުގެ އެންމެ ހިތާމަވެރި ދުވަހަކީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ލަގާން"އިން ވަކިވި ދުވަސްކަމަށް ބަތަލާ ބުނެފިއެވެ.

އެކްޓަރު އާމިރު ޚާނަކީ ރާނީގެ ވަރަށް ގާތް، ރާނީއަށް އެންމެ ކަމުދާ އެކްޓަރަށް ވެފައި "ލަގާން"އިން ލިބުނު ފުރުސަތު ގެއްލިގެންދާން އެއް އިރަކު ވެސް ބޭނުން ނުވިކަމަށް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރާނީ ވަނީ ބުނެފައެވެ.

އިންޑިއާގެ ގޯއާގައި ކުރިއަށް ދިޔަ 54 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގެ ސެޝަނެއްގައި ވާހަކަ ދައްކަމުން ރާނީ ބުނީ ފިލްމު "ލަގާން"އަށް ސޮއިކުރި އިރު ރާނީ ވަނީ މާކުރިން އެހެން ޕްރޮޑިއުސަރަކާ އެކު މަސައްކަތް ކުރަން ފިލްމަކަށް ސޮއިކޮށްފައި ކަމަށެވެ. އެ ފިލްމު ވިހި ދުވަސްތެރޭ ނިންމައިލަން ނިންމި ނަމަވެސް އާމިރު ޚާން ބޭނުންވީ "ލަގާން"ގެ ކާސްޓުން ހަ މަސް ދުވަސް ވަންދެން ވަކި ތަނެއްގައި އެކީގައި ތިބުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެއްވެސް މީހަކަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ހުއްދަ ނުދޭތީ ރާނީއަށް ވެސް ހާއްސަކަމެއް ދީ ހުއްދަ ދޭން އާމިރު ޚާން ބޭނުން ނުވީކަމަށް ރާނީ ވަނީ ބުނެފައެވެ.

ކުރިން ރާނީ ސޮއިކުރި ފިލްމުގެ ޕްރޮޑިއުސަރު ގާތު އާމިރު ޚާންގެ ފިލްމަށް ދޫކޮށްދިނުމަށް އެދުނު ކަމަށާއި ނަމަވެސް ޕްރޮޑިއުސަރު އެކަމަށް އެއްބަސް ނުވުމުން ރާނީއަށް ޖެހުނީ "ލަގާން"އިން ވަކިވާށެވެ.

އާމިރު ޚާން އާއި ރާނީގެ ކެމިސްޓްރީ އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ޖޯޑެކެވެ. ރާނީގެ ބަދަލުގައި ފިލްމު "ލަގާން"އިން ފަހުން ފެނުނީ ބަތަލާ ގްރޭސީ ސިންގްއެވެ.

ފިލްމު "ގުލާމް"ގެ މަންޒަރެއްގައި އާމިރު ޚާން އާއި ރާނީ މުކަރުޖީ

ފިލްމު "ލަގާން"އަކީ ބޮކްސް އޮފީހުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި އެކި ޕްލެޓްފޯމްތަކުން ބޮޑު ތަރުހީބެއް ހޯދި ފިލްމެކެވެ.

ފިލްމު "ކުޗް ކުޗް ހޯތާ ހޭ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ އާމިރު ޚާނާ އެކު ކުޅުނު މަޝްހޫރު ފިލްމުތަކުގެ ތެރޭ "ގުލާމް" އަދި "ތަލާޝް" ހިމެނެއެވެ. ރާނީ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އިންނެވެ.

comment ކޮމެންޓް