ގެއްލުނު ކަނޑުގެ ސަރަހައްދު ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ، އަވަހަށް މަޝްވަރާ ފަަށަންޖެހޭ: ގާސިމް

ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ސާތިއު

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ ވިސްނުން އިނގިރޭސި ވިލާތުން ދޫކޮށްލުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ލިބުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށާއި އެ ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވައިލައްވައިފިއެވެ.

އެ ކަމާ ގުޅިގެން ގާސިމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ނިންމުން ބަދަލުކުރަން ނިންމުމާއެކު، ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަަހައްދު އަނބުރާ ދިވެހިންނަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރަން ޖެހޭކަމަށެވެ.

https://sun.mv/185606

އަދި އެ މަސައްކަތް ވަރަށް އަވަސް ކުރުމަށް ވެސް ގާސިމްވަނީ ގޮވައިލައްވައިފައެވެ.

އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސްގެ މިލްކުވެރިކަން ހަވާލުނުކުރުމަށް ނިންމި ނިންމުމާއެކު ދިވެހީންނަށް ގެއްލުނު ކަނޑުގެ ސަރަހައްދު ލިބުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށެވެ.

"އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއާއި ޗާގޯސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާ ވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ އިއްޒަތްތެެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަރިހުގައި ނުހަނު އިހްތިރާމާއެކު ދަންނަވަމެވެ،" ގާސިމް ހިއްސާކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

ހަމައެއާއެކު ގާސިމް ވަނީ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އޮތް ނިންމުން ފުރަތަމަ 100 ދުވަހުގެ ތެރޭ އިސްތިއުނާފުކުރައްވަން ހުށަހަޅުއްވާނެކަމަށް ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވިކަން ވެސް ހަނދާންކޮށްދެއްވައިފައެވެ.

އަދި މިއީ ޚުދު އެ މަނިކުފާނު ވެސް އަމިއްލަފުޅަށް ޙައްލު ހޯއްދެވުމަށް ޓަކައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭ މަސައްކަތްކުރެއްވި ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. އެ ފަދައިން ވަކާލާތުކުރެއްވީ މިއީ ގައުމީ މައްސަލައަކަށް ވާތީކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައިގައި އެ މަނިކުފާނުގެ ފަރާތުން ރައީސަށް ދެވެން ހުރި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ގާސިމްވަނީ ރައީސަށް ދެއްވައިފައެވެ. ހަމައެއާއެކު ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ވެސް ރައީސަށް ލިބިވަޑައިގަންނަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

"އިނގިރޭސި ދައުލަތާއެކު އަވަސް މަޝްވަރާތަކެއް ފައްޓަވައި ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވައި މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެކަމަށް އަޅުގަނޑު ޔަގީންކުރަމެވެ،" ގާސިމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ގާސިމްވަނީ ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތާމެދު ނުރުހުން ފާޅުކުރައްވައިފައެވެ. އަދި އެއިރު ސަރުކާރު ކޯލިޝަނުގައި ހުންނަވައިގެން ވެސް ގާސިމް އައީ އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމުން ދެއްކި ވާހަކަތަކަަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

comment ކޮމެންޓް