އެމްއެންޔޫ "ފަހި ދުވަސް" އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

އޭޕްރީލް 21، 2017: ގައުމީ ޔުނިވާސިޓީ އިން ފެށި "ފަހި ދުވަސް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެބްރުއަރީ އިންޓޭކާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު އާޓިފިޝިއަލް ބީޗްގައި "ފަހި ދުވަސް" ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތަކީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ މީހުންނަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

ފަހި ދުވަހުގެ ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00އިން އިރުއޮއްސި 18:00އަށެވެ. އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.

މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ހަމައެއާއެކު ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ވެސް ހިއްސާކުރާނެއެވެ. އަދި މަތީ ތަައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައުލޫމާތު އިވެންޓުގައި ބައިވެރިވާ މީހުންނާ ހިއްސާ ކުރާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

"ފަހި ދުވަސް" އިވެންޓުގައި މައުލޫމާތު ފޯރުކޮށްދޭ ބައެއް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ
  • ތަޢުލީމީ ދާއިރާ
  • އިންޖިނިއަރިން ދާއިރާގެ
  • ސިއްހީ ދާއިރާ
  • ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ
  • ދީނީ އިލްމުގެ ދާއިރާ
  • ސައިންސްގެ ދާއިރާ
  • ޝަރީއަތާއި ގާނޫނުގެ ދާއިރާ
  • ވިޔަފާރީގެ ދާއިރާ
  • ނިޔެމިކަމުގެ ދާއިރާ
  • ފައުންޑޭޝަން ކޯސްތައް

ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރުން ފެށިގެން އަންނަ މަހުގެ 25ވަނަ ދުވަހުގެ މެންދުރުފަހު 14:00އާ ހަމައަށް އޮންނާނެއެވެ.

comment ކޮމެންޓް