އައްޑޫގައި ހިންގި ދެވަނަ މާރާމާރީގައި ޒަޚަމުކޮށްލި ޒުވާނާ އައިސީޔޫގައި

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އިއްޔެ މެންދުރު ފަހު ހިތަދޫގައި ހިންގި މާރާމާރީގައި ޒަޚަމްކޮށްލާފައިވާ ޒުވާނާ އޮތީ އައިސީޔޫގައި ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

މި ކަމާ ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އޭނާ އައިސީޔޫގައި އޮތް ނަމަވެސް މިވަގުތު އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

އެހެން ނަމަވެސް އޭނާގެ ބަނޑާއި ކޮނޑަށް ވަޅި ޖަހާފައިވާތީ އެ ޒަޚަމުތައް ހުރި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި މި ވަގުތު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ފޮނުވުމުގެ މަސައްކަތްތަށް ކުރަމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ މެންދުރު ފަހު 15:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފައިވަނީ 20 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މި މައްސަލައިގެ އިތުރުން، މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫގައި ހިންގި ނުރައްކާތެރި ގޭންގު މާރާމާރީއެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިއްޔެ ވަނީ މާލެ ގެނެސްފައެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ހަތަރު ޒުވާނަކު ހައްޔަރުކޮށްފައެވެ. އެއީ 18، 19، 20 އަދި 23 އަހަރުގެ ދިވެހި ޒުވާނުންތަކެކެވެ.

comment ކޮމެންޓް