ވިހެއުމަށް ފަހު އެއްލައިލާފައި އޮތް ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ

ރަށެއްގެ ވަލު ތެރޭގައި ފުލުހުން ޓޭޕު ދަމާފައި -- ފައިލް ފޮޓޯ/

އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެ ރަށު ކުނިގޮނޑުން ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، އެ ރަށުގައި ކުޑަކުއްޖަކު ވިހެއުމަށް ފަހު އެއްލައިލާފައި އޮއްވައި ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:20 އެހާކަންހާއިރު ކަމަށެވެ.

ތުއްތު ކުއްޖާ ވިހެއުމަށް ފަހު އޮތީ ކޮތަޅަކަށް ލާފައި އެ ރަށު ކުނިގޮނޑަށް އެއްލައިލާފައެވެ. އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވާއިރު، ފުލުހުން ބުނީ މައްސަލައިގެ އިތުރު ތަފުސީލު ލިބެމުންދާ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.

comment ކޮމެންޓް