މޮރާޓާގެ ސޮއި ހޯދަން މަސައްކަތްކުރިން: ޒަވީ

އެތުލެޓިކޯ މެޑްރިޑްގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ -- ފޮޓޯ/ ގެޓީ

ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ، ބާސެލޯނާއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އެ ކްލަބުގެ ކޯޗު ޒަވީ ބުނެފިއެވެ.

މި ވަގުތު އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ މޮރާޓޯއާ ގުޅޭގޮތުން ޒަވީ ބުނީ މޮރާޓާއާ އެ މަޝްވަރާތައް ކޮށްފައިވާނެ ކަމަށާއި ބާސާގެ ޓީމުން އޭނާއަށް މަރުހަބާ ކިޔުމަށް ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

"އެއީ ތެދެއް، އަހަރެން މޮރާޓާގެ ސޮއި ހޯދަން މަސައްކަތްކުރިން. އަހަރެން އޭނާއާ ވާހަކަދެއްކިން، އެކަމަކު އެ ޓްރާންސްފާއާ މެދު ގޮތެއް ނުނިންމޭ. މޮރާޓާއަކީ މޮޅު ފޯވަޑެއް. އޭނާއަކީ ވަރަށް މަސައްކަތްކުރާ ކުޅުންތެރިއެއް. މޮރާޓާ އާއި އެންޓޮއިން ގްރީޒްމަންއާ އެކު އެތުލެޓިކޯގައި އޮތީ ވަރުގަދަ ފޯވަޑް ލައިނެއް،" ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބާސާއިން މޮރާޓާ ގެންދިއުމަށް މަސައްކަތްކުރީ ލޯނުގެ ދަށުން ޔުވެންޓަސްއަށް ކުޅެމުންދަނިކޮށް، 2021 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައެވެ. ޔުވެންޓަސްއިން އެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ބޭނުންނުވުމުން، މޮރާޓާއަށް ބާސާއާ ގުޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 31 އަހަރުގެ މޮރާޓާ ދަނީ އެތުލެޓިކޯއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް އޭނާ ކުޅުނު 17 މެޗުން 12 ގޯލު ކާމިޔާބުކުރިއެވެ.

ސްޕެނިޝް ލަލީގާގައި މާދަމާ ރޭ އެތުލެޓިކޯއިން ބާސާއާ ދެކޮޅަށް ނުކުންނާނެއެވެ. ބާސާގެ ދަނޑުގައި ކުޅޭ އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ރޭ 1:00 ގައެވެ. ލީގުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ އަދި ހަތަރުވަނައިގައި އޮތް ބާސާއަށް ވެސް ލިބިފައިވަނީ 31 ޕޮއިންޓެވެ. ނަމަވެސް ބާސާއިން ވަނީ އެތުލެޓިކޯއަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

comment ކޮމެންޓް