މޯލްޑިވް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރަކަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުޙައްމަދު (މަދަނީ އަބްދުﷲ) ހަމަޖައްސައިފިއެވެ.
މި މަގާމަށް އޭނާ ހަމަޖެއްސުމާ އެކު އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
ސިޔާސީ މަގާމަކަށް ވަޑައިގަތުމުން ކުރިން އަބްދުﷲއަކީ މުޒާހަރާތަކުގެ މޮޑަރޭޓަކެވެ. އޭގެ ކުރިން އޭނާއަކީ އަރަބިއްޔާ ސްކޫލްގެ ދިވެހި ޓީޗަރެކެވެ.
ޅ. ކުރެންދޫ، ނޫރާނީގޭ، ޢަބްދުﷲ މުޙަންމަދު ސިޔާސީވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓީޗާސް އެސޯސިއޭޝަންގެ މުޒާހަރާތަކުގައެވެ. އަރަބިއްޔާ ދަރިވަރުންގެ ދިފާއުގައި ކުރި މުޒާހަރާތަކުގައި އެމްޑީޕީގެ ސަރުކާރަށް ފާޅުގައި ފާޑުކިޔަން ފެށުމުން އޮޕޮޒިޝަން މީޑިއާތަކުގެ ފަލަ ސުރުހީތަކުން އަބްދުﷲ ޖާގަ ހޯދިއެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުގައި އާންމު ކުރި ގަވާއިދަކާ ގުޅިގެން 100 ވުރެ ގިނަ މަދަނީ ޖަމިއްޔާތައް އިންތިހާދުވި ޖަމާއަތް، "މަދަނީ އިއްތިހާދު" ތަމްސީލު ކުރެއްވީ އަބްދުﷲއެވެ. އޭގެ ފަހުން މަދަނީ އިއްތިހާދުގެ ނަމުގައި 23 ޑިސެމްބަރު، 2011، ގެ ބޮޑު މުޒާހަރާގަ އާއި ގައުމީ ހަރާކާރުތުގައި އަބްދުﷲ ހަރަކާތްތެރިވާން ފެށުމުން އޭނާގެ ނަމުގެ ކުރިއަށް "މަދަނީ" އިތުރުކޮށް، "މަދަނީ އަބްދުﷲ"އޭ ކިޔަން ފެށިއެވެ.
އަބްދުﷲ ވަނީ ނަޝީދު އިސްތިއުފާދެއްވުމުން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުޙައްމަދު ވަހީދުގެ ހަސަން މަނިކުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
މިފަހުން އަބްދުﷲ މެލޭޝިއާއަށް ދިއުމުން ވަނީ އެއާޕޯޓުން ހިފެހެއްޓުމަށް ފަހު އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. އެކަން ކުރި ސަބަބެއް ދިވެހި ސަރުކާރަކުން ވެސް އަދި އޭނާ ވެސް ހާމަކޮށްފައެއް ނުވެއެވެ.