މުއްދަތު ހަމަވުމާ އެކު އިސްރާއީލުން އަނެއްކާ ވެސް ހަމަލާތައް ފަށައިފި

އިސްރާއީލުން ޣައްޒާއަށް މިއަދު ދޭން ފެށި ހަމަލާތައް. ފޮޓޯ/އަލް އަހްރަމް އޮންލައިން

ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތު ހަމަވުމާ އެކު މިއަދު އަނެއްކާ ވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފަށައިފިއެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހެނދުނު ހަމަލާތައް މެދުކަނޑާލާފައިވާއިރު، ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވެފައިވަނީ މިއަދު ހެނދުނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވިތާ 30 މިނެޓް ތެރޭގައި އިސްރާއީލުން ވަނީ ހަމަލާތައް ދޭން ފަށާފައެވެ.

އިސްރާއީލުން ހަމަލާތައް ދޭން ފަށާފައި ވަނީ ޣައްޒާގެ ދެކުނަށެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އައްބާސަން ކޮމިޔުނިޓީ ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ. ޣައްޒާގެ ދެކުނަކީ މީގެ ކުރިން އިސްރާއީލުން ރައްކާތެރި ކަމަށް ބުނެފައިވާ ތަނެކެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލް އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ މުއްދަތު ހަމަވެ، އަލުން ހަމަލާތައް ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި ޣާއްޒާއިން 29 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ނަމަވެސް ޤަތަރާއި މިސްރުން އަދިވެސް އަންނަނީ ހަމަލާތައް މެދުކަނޑާލާފައި ބޭއްވުމާމެދު މަޝްވަރާތައް ކުރަމުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހަފުތާއެއްހާ ދުވަހަށް ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި އިސްރާއީލުގެ ޖަލުތަކުން 240 ފަލަސްތީނު މީހުން މިނިވަންކޮށްފައިވާއިރު، ބަދަލުގައި 100 އަށް ވުރެ ގިނަ އިސްރާއީލުގެ އަސީރުން ހަމާސްއިން ވަނީ ދޫކޮށްލާފައެވެ.

ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން އަންނަނީ ޕްރެޝަރު ކުރަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 15000 އެއްހާ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެތައް ބަޔަކު ޒަހަމްކޮށްލާފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައެވެ. ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށްލަން ޖެހުނު ފަލަސްތީނު މީހުންގެ އަދަދުވެސް އުޅެނީ 30،000 އިން މަތީގައެވެ.

comment ކޮމެންޓް