އިސްރާއީލު ޖަލުތަކުގައި ފަލަސްތީނު އަންހެންނަށް އަނިޔާ ކުރޭ: އަހެދް

ފަލަސްތީނު އެކްޓިވިސްޓް އަހެދް ތަމީމީ -- ފޮޓޯ/ދަ ޓެލްގްރާފް

ޔަހޫދީ އިސްރާއީލުގެ ނުހައްގުން ޖަލަށްލާފައި ތިބި ފަލަސްތީނުގެ އަންހެނުންނަށް އިސްރާއީލުގެ ޖަލުތަކުގައި އަނިޔާކުރާ ކަމަށް ފަލަސްތީނު އެކްޓިވިސްޓު އަހެދް ތަމީމީ ތުހުމަތުކޮށްފިއެވެ.

ޓެރަރިޒަމަށް ބާރުއަޅާ ކަމަށް ބުނެ، 22 އަހަރުގެ އަހެދް ހުޅަނގު އައްސޭރިން ހައްޔަރުކޮށްފައި ވަނީ މި މަހު ކުރީކޮޅުއެވެ. ނަމަވެސް އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ދެމެދު ކުރަންމުންދާ ހަނގުރާމައިގައި ހަމަލާތައް މިހާރު އޮތީ މެދުކަނޑައިލާފައެވެ. ހަމަލާތައް މެދުކަނޑާލަން ދެ ފަރާތުން އެއްބަސްވެފައި ވަނީ ދެ ފަރާތުގެ ބެލުމުގެ ދަށުގައިވާ އަސީރުންނާއި ގައިދީން މިނިވަން ކުރުމަށް އެއްބަސްވެގެންނެވެ. މިއާ އެކު އަހެދް ވެސް މި އެއްބަސްވުމުގެ ދަށުން މިހާރު ވަނީ މިނިވަން ވެފައެވެ.

މިނިވަން ވުމަށް ފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އަހެދް ބުނެފައިވާ ގޮތުގައި އޭނާ ޖަލަށްލީ ގާތްގަޑަކަށް އިތުރު 30 އަންހެނުންނާ އެކުގައެވެ. އޭގެ ތެރޭގައި ޣައްޒާގެ 10 އަންހެނުން ވެސް ހިމެނޭ ކަމަށާއި އެ މީހުންގެ ހާލަތު ވަރަށް ގޯސް ކަމަށް އަހެދް ބުންޏެވެ. އެ މީހުން ތިބީ ފެނާއި ލާނެ އަންނައުނު ވެސް ނުދީ ކަމަށާއި ނިދަން ޖެހެނީ ތަޅުންމަތީގައި ކަމަށް ވެސް އަހެދް ބުންޏެވެ.

އެ މީހުންނަށް އެތައް އަނިޔާއެއް އިސްރާއީލުން ކޮށްފައިވާ ކަމަށް ވެސް އަހެދް ވަނީ ބުނެފައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ހިނގާ މިކަންތައްތައް ހާމަކޮށްފިނަމަ، އަހެދްގެ ބައްޕަޔަށް ހަމަލާދޭނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް އަހެދް ބުނެއެވެ. ނަމަވެސް އެ މީހުން އެއަށްވުރެ މާ ހިތްވަރުގަދަވާނެ ކަމަށާއި ފަލަސްތީނުގެ މިނިވަން ކަމަށް ވާކާލާތުކުރުމުގައި ދެމިތިބޭނެ ކަމަށް އަހެދް ބުންޏެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އަހެދް ހައްޔަރުކުރިއިރު، ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިސްރާއީލު މީހުން މަރާލުމަށް އަހެދްގެ އިންސްޓަގްރާމް ޕޯސްޓެއްގައި ގޮވާލާފައިވާ ކަމަށް އިސްރާއީލް މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އަހެދްގެ މަންމަ ވަނީ އެކަން ދޮގުކޮށް އެއީ ތަމީމީ ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށް ބުނެފައެވެ.

އަހެދްއާއި އޭނާގެ އާއިލާއަކީ މަޝްހޫރު އެކްޓިވިސްޓުން ހިމެނޭ އާއިލާއެކެވެ. އަހެދްގެ އާއިލާއިން ވަނީ އަނިޔާވެރިކަމާ ދެކޮޅު ހަރަކާތްތައް ނަބީ ސަލާހުގައި ގާތްގަޑަކަށް ދިހަ އަހަރު ވަންދެން ހިންގާފައެވެ. އޭނާގެ ބައްޕަ ބަސީމް ތަމީމީ ވަނީ ހަތަރު އަހަރު ވަންދެން އިސްރާއީލުގެ ޖަލުގައި ހޭދަކޮށް އެތައް ފަހަރަކު ހައްޔަރު ވެސް ކޮށްފައެވެ.

comment ކޮމެންޓް