އިސްރާއީލުގެ އާންމުންނަށް ހަތިޔާރު ދިނުން ފުޅާކުރާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލުގެ އާންމުންގެ ބަޔަކު ފަލަސްތީނުގެ ގުދުސްގައި ދިން ބަޑީގެ ހަމަލާގައި ފަލަސްތީނުގެ ތިން މީހަކު މަރުވެފައިވަނިކޮށެވެ.
ގުދުސްއިން މަރާލި މީހުންނަށް ހަމަލާދިން އާންމުންނަށް ނަތަންޔާހޫ ވަނީ މަރުހަބާ ވެސް ކިޔާފައެވެ.
އިސްރާއީލުގެ އާންމު ސަލަމާތާ ބެހޭ ވަޒީރު އަދި ކަނާތުފިޔައިގެ ޔަހޫދީ ޕަވާ ޕާޓީގެ ލީޑަރު އިޓަމާ ބެން ގްވިރް ވެސް ވަނީ އާންމުންނަށް ހަތިޔާރު ދިނުމަށް ގޮވާލައްވައިފައެވެ.
"އަޅުގަނޑުމެންގެ އަސްކަރިއްޔާ ވަރުގަދަ ނަމަވެސް ހުރިހާ ތަނެއްގައި ފުލުހުންނެއް ނުތިބޭނެ. އެހެންކަމުން ރައްޔިތުންގެ އަތުގައި ހަތިޔާރު ހުރިނަމަ، ކޮންމެ ތަނެއްގައި ތިއްބަސް ވެސް ފުރާނަ ރައްކާތެރިކުރެވޭނެ،" ބެން ވިދާޅުވިއެވެ.
އިސްރާއީލުގެ ޗެނަލް 12އާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ގުދުސްގައި އިސްރާއީލުގެ އާންމުންގެ މީހަކު ދިން ބަޑީގެ ހަމަލާގައި އަންހެނަކު ހިމެނޭ ގޮތަށް ތިން މީހަކު މަރުވެ ހަ މީހަކު ޒަޚަމްވެފައިވެއެވެ.