ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީތެރިކަމާއިއެކު ޤައުމީ ކުތުބުޚާނާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމަނީ ފެންވަރަށް ތަރައްޤީކޮށްފިއެވެ.
ބީއެމްއެލްގެ އެހީއާއެކު ނެޝަނަލް ލައިބްރަރީ ނުވަތަ، ގައުމީ ކުތުބުޚާނާއަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ފުރަތަމަ ފަހަރަށް ކުތުބުޚާނާގެ ފޮތްތަކާއި އެ ނޫން ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކުރުމެވެ.
މީގެ އިތުރުން، ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ސަރަހައްދު ތަރައްގީކުރުމުގެ އިތުރުން، ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުން ހިމެނެއެވެ.
މީގެ އިތުރުން ކުތުބުޚާނާގެ ޚިދުމަތް ހޯދާ މީހުން ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތައް ޒަމާނީ ފަހުގެ ސިސްޓަމްތަކަށް ބަދަލުކުރުމާއި، ޒަމާނީ ވަސީލަތްތަކާއިއެކު އޯޑިއޯ ރެކޯޑް ކުރާނޭ ސައުންޑް ބޫތެއް ވަނީ ގާއިމްކޮށްފައެެވެ.

ބީއެމްއެލްގެ އެހީތެރިކަމާއިއެކު ޤައުމީ ކުތުބުހާނާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް--
މީގެ އިތުރުން ލައިބްރަރީގައި ހުރި ފޮތްތަކާއި ލިޔުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ޚާއްސަ ސްކޭނަރެއް ބެހެއްޓުމާއި މަޝްވަރާކުރަން ޚާއްސަކޮށްފައިވާ ތަން ވެސް ވަނީ ތަރައްގީކޮށްފައެވެ.
އަދި، ފޮތް ކިޔުމަށް އެންމެ އެކަށީގެންވާ ފަދަ ހަމަހިމޭން މާހައުލެއް ފަހިކޮއްދިނުމަށް ޓަކައި ސައިލެންޓް ރީޑިން ރޫމް ވެސް ވަނީ ތަރައްގީކޮށްފައެވެ.
ހަމައެއާއެކު، ގައުމީ ކުތުބުޚާނާގައި ދިރާސާކުރުމަށް ޚާއްސަކޮށްފައިވާ ކޮޓަރީގެ އިތުރުން ލައިބްރަރީގެ އިނގިރޭސި ފޮތް ބަހައްޓައިފައި ހުންނަ ސެކްޝަން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވެއެވެ.
ޤައުމީ ކުތުބުހާނާއަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަަވައިލެއްވުމަށް ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ޒިޔާރަތްކުރައްވައިފައިވެއެވެ. އަދި އެ ތަނުގައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވިއެވެ.