އިނގިރޭސިވިލާތުގެ އިމިގްރޭޝަން އިދާރާއިން ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް ބަދަލުގެ ގޮތުގައި 20،000 ޕައުންޑް (389,360 ރުފިޔާ) ދޭން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ވަނީ އޭނާގެ ގާނޫނީ ވަކީލުން ނެރުއްވި ބަޔާނެއް އެކްސްގައި ހިއްސާކުރައްވައިފައެވެ.
އެ ޕޯސްޓުގައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ގައުމުގެ ފުލުހުން ކުއްލި ގޮތަކަށް އަލީ ވަހީދު ހައްޔަރުކޮށް، ވަގުތީ ބަންދެއްގައި ބެހެއްޓި ކަމަށެވެ. އަދި އޭނާ ގާނޫނާއި ގަވާއިދާ ޚިލާފަށް އަމަލު ކޮށްފައި ނުވާނެ ކަމުގެ ސާބިތު ހެކިތައް އެ ވަކީލުން، އެ ހިސާބުން ފެށިގެން ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކުރި ކަމަށެވެ.
"އަދި ގާނޫނާ ޚިލާފަށް އަޅުގަނޑުމެންގެ މުވައްކިލް އަލީ ވަހީދު އިނގިރޭސިވިލާތުގުން ހައްޔަރުކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމުން އެ ގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު އެ ހައްޔަރަކީ ގާނޫނާ ޚިލާފު ހައްޔަރެއް ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސްވެފައިވެއެވެ." އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ މައްސަލައިގައި އިނގިރޭސި ސަރުކާރުގެ ފަރާތުން މައާފަަށް އެދި، ގެއްލުމުގެ ބަދަލު ދޭން ނިންމީ ކަމަށް ބަޔާނުގައިވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާކޮށްފައި ވަނިކޮށް، ދެ އަހަރު ބޭރުގައި އުޅުއްވުމަށް ފަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ ޖުލައި މަހުގައެވެ.
އެއީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފައިލްކޮށްފައިވަނިކޮށެވެ.
އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް އުފުލީ ޓޫރިޒަމް މިނިސްޓްރުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލާފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށް އެންގުމަށްފަހުއެވެ.
އެ މައްސަލަ އަލުން ބެލުމަށް ޓަކައި ފުލުހުންނަށް ފޮނުވި ފަހުން، އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ބަޔާން ދީފައިވާ މީހުން ވަނީ މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ، އެ އޮފީހަަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައި ކަމަށް ޕީޖީން ބުންޏެވެ. އަދި އެ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި މުހިންމު ހެކިން, ކުރިން ތަހުގީގަށް ދީފައިވާ ބަޔާން އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން ގެންދާތީ ފުލުހުން ވަނީ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ކަމަށް އެ ބަޔާނުގައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާގެ މައްސަލަ ފައިލްކޮށްފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާއަށް ރައްދުވާ ގޮތަށް ޕީީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާ ގުޅިގެން، އޭނާ އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެ ކޯޓުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ.