މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް، އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އާޒިމް މޭޔަރު ކަމަށް ވާދަ ކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓަށް އެދި މާދަން ރަސްމީކޮށް ހުށަހަޅުއްވާނެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޒިމަކީ މާލޭ މޭޔަރު ކަމަށް އެންމެ އެކަށީގެންވާ މީހާ ކަމަށެވެ. އާޒިމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އާޒިމް އެ މަގާމަށް އިންތިޚާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މި ކަމާ ގުޅޭގޮތުން އާޒިމް އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއްނުވެއެވެ.
ދަނގެތިދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ކޮއްކޮ އާޒިމަކީ ވަރަށް ހިންގުންތެރި ބޭފުޅެކެވެ. ނިމިދިޔަ ސަރުކާރުގެ ގިނަ ވައުދުތަކެއް ފުއްދެވުމަށްޓަކައި އެންމެ ގިނަ ޕްރޮޖެކްޓް ހިންގެވީ ސީދާ އާޒިމްގެ ބެލުމުގެ ދަށުންނެވެ. އާޒިމް އެމްޓީސީސީގައި އިސްކޮށް ހުންނަވައިގެން އެއް ފަހަރާ އެތައް މިލިއަން ރުފިޔާއެއްގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގެވިއެވެ.
އާޒިމް މީގެ ކުރިން ވަނީ އެސްޓީއޯއާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.
މާލޭ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓްގައި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވާދަ ކުރެއްވުމަށް ވެސް ކުރިން ޝައުގުވެރިކަން ފާޅުކުރެއްވެވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްތިއުފާދެއްވުން ހުސްވި މާލޭ މޭޔަރު ކަމުގެ އިންތިޚާބު އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމައިފައެވެ.