އެފްކޮންސްގެ 69 މިލިއަންގެ ޖޫރިމަނާ ފަސްކުރަން އަމުރެއް ނުދިން

ބްރިޖް ޕްލެޓްފޯމް ތިލަމާލެ ފަރަށް އަރާފަ -- ފޮޓޯ/ އަބްދުﷲ ޖަވާދު

އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލައިގައި އެ ކުންފުނި 69 މިލިއަން ރުފިޔާއިން ކުރި، ޖޫރިމަނާ ފަސްކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އަހަރުގެ އޯގަސްޓް 16ވަނަ ދުވަހެވެ. އެ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވިލިމާލެ ފަރަށް ލިބިފައިވެއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ޖޫރިމަނާ ކުރުމުން އެފްކޮންސްއިން ވަނީ އެ އަދަދަށް ބަދަލު ގެނައުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މިނިސްޓްރީން ނިންމީ ޖޫރިމަނާ މާފުނުކޮށް ދެމެހެއްޓުމަށެވެ.

އެ މައްސަލާގައި އެފްކޮންސްގެ ފަރާތުން ސިވިލް ކޯޓުގައި ވަނީ އެ ކުންފުނީގެ ފަރާތުން ދައުވާ ކުރެވެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނުދިނުމަށެވެ.

އެފްކޮންސްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ، ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ ޕްރޮޖެކްޓްގެ ވޯކް އޭރިއާ ސަރަހައްދުގެ ތެރެއިން އެ ކުންފުނީގެ އިހުމާލަކާ ނުލާ، އަދި ކޮންޓްރޯލްގެ ބޭރުން ބާރު ނުފޯރުވޭފަދަ ބޮޑެތި ރާޅުތަކެއް ސަބަބުން ކަމަށެވެ.

އެ މައްސަލާގައި ހިލާފު އުފެދިފައި ވަނީ އީޕީއޭއާ ދެފަރާތުން ތައްޔާރުކުރި އެސެސްމެންޓުގައި ގެއްލުން ލިބުނު ސަރަޙައްދުގެ ބޮޑުމިންކަން ފާހަގަކޮށް އީޕީއޭއިން ބޮޑު އަދަދަކުން އެ ކުންފުނި ޖޫރިމަނާކޮށްފައިވާކަން ވަނީ ބަޔާންކޮށްފައެވެ. އަދި އީޕީއޭއިން އެ ކުންފުނިން ވީ އިހުމާލު ސާބިތުކޮށްދީފައި ނުވާކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

އެފްކޮންސްއަށް ރައްދު ދެމުން ދައުލަތުން ކޯޓުގައި ބުނެފައި ވަނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ފަދަ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ޝަރީއަތުން ވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއް ވެސް ވަނީ ކޮށްފައެވެ. އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވެއެވެ.

އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށް ފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެ ތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

އެއާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ.

comment ކޮމެންޓް