މިނިސްޓަރު ރަމީލާ ކެންސަރު ފަރުވާއަށް ރާއްޖެއިން ބޭރަށް

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ--

މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާއަށް ކެންސަރު ޖެހިފައިވާތީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މިނިސްޓަރު ރަމީލާ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ.

އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް މިނިސްޓަރު ޕޯސްޓްގައި އެދިވަޑައިގެންފައިވެއެވެ.

ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "ސަން" އަށް ވިދާޅުވީ ރަމީލާއަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ. ރަމީލާގެ ހާލަތު ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި މިނިސްޓަރަށް ހެޔޮ އެދިވަޑައިގަތުމުގައި މުޅި ސަރުކާރު ބައިވެރިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

"ރައީސް އުއްމީދު ކުރައްވަނީ އެކަމަނާގެ ބަލި ފަސޭހަވެ، ދާދި އަވަހަށް ހިދުމަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މިނިސްޓަރު ރަމީލާ އެނބުރި ހިދުމަތަށް ނުކުންނަވަންދެން އެ މިނިސްޓްރީ ހިންގާނެ ހޮގޮތުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.

މިނިސްޓަރު ރަމީލާއަށް ކެންސަރު ޖެހުނުކަން އެނގިފައި މިވަނީ އާ ސަރުކާރާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާއަށް ހަވާލު ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ގުޅޭ ކަންކަމެވެ.

ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރަމީލާ ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް