ފަލަސްތީނު ދައުލަތެއް ގާއިމުކުރެވޭނީ ހަމައެކަނި އޭނާއަށް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލު ފަލަސްތީނު މައްސަލައިގައި "ޓޫ ސްޓޭޓް ސޮލިޔުޝަން" ނުވަތަ ދެ ދައުލަތް އުފައްދައިގެން ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނަތަންޔާނޫ ނިސްބަތްވެވަޑައިގަންނަވާ ލިކުޑް ޕާޓީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ ލިކުޑް ޕާޓީގެ މަގުބޫލުކަން އިސްރާއީލުގައި ވަރަށް ބޮޑަށް އޮތީ ދަށްވެފައެވެ.
ޔަހޫދީންގެ ނޫހަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ވަނީ ފަލަސްތީނާއެކު ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައް އެއްކޮށް ހުއްޓާލައްވައިފައެވެ. އަދި އިސްރާއީލުގެ ބޮޑު ވަޒީރު ކަމަށް އަލުން އިންތިޚާބުވެއްޖެނަމަ ފަލަސްތީނު ދައުލަތެއް އުފެއްދުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކަށް ދިއުމަށް މަޝްވަރާތައް ކުރަން އުޅޭނަމަ، ގައުމީ ސަލަމާތަމަށް ނުރައްކާވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.
"މެދުއިރުމަތި މިހާރު އޮތް ހާލަތުގައި ހުސްކުރާ ކޮންމެ ސަރަހައްދެއް ބޭނުންކުރާނީ އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ހަތިޔާރު އެޅި އިސްލާމީ ދައުލަތެއް ގޮތަށް." ނަތަންޔާހޫ ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ނަތަންޔާހޫގެ މި ވާހަކަތަކަކީ އެމެރިކާގެ ވިސްނުމާ ސީދާ ފުށުއަރާ ވާހަކަތެކެކެވެ. އަރަބި ގައުމުތަކާއެކު އޮންނަ ގުޅުން ދެމެހެއްޓުމުގެ ގޮތުން ފަލަސްތީނު-އިސްރާއީލު މައްސަލައިގައި އެމެރިކާއިން ބޮޑަށް ބާރުއަޅަނީ "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކަށް ދިއުމަށެވެ.
ޓައިމްސް އޮފް އިސްރާއީލުގައި ޝާއިއުކުރި ހިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާއިން ދައްކާ ގޮތުގައި އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ޒިންމާ ނަތަންޔާހޫ ނަގަންޖެހޭނެ ކަމަށް އެ ގައުމުގެ 80 އިންސައްތަ މީހުން ގަބޫލުކުރެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އިންތިޚާބުގައި ލިކުޑް ޕާޓީއަށް ވޯޓު ދިން މީހުންގެ 69 އިންސައްތަ މީހުން ވެސް ހިމެނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް އެންމެ އެކަށީގެންވަނީ ކާކުތޯ ސުވާލު ކުރުމުން 49 އިންސައްތަ މީހުންގެ ހޮވުމަކީ ނޭޝަނަލް ޔުނިޓީ ޕާޓީގެ ލީޑަރު ބެނީ ގަންޓްޒްއެވެ. ބޮޑު ވަޒީރު ކަމަށް އެންމެ އެކަށީގެންވަނީ ނަތަންޔާހޫ ކަމަށް ބުނެފައި ވަނީ އެންމެ 28 އިންސައްތަ މީހުންނެވެ.