ކ. ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ސްޓްރޯކެއް ޖެހިގެން މާލެ ގެނައި މީހަކު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް އިއްޔެ ގެންގޮސްފިއެވެ.
'ސަން' އަށް މައުލޫމާތު ދެމުން ހޯމް މިނިސްޓްރީ ބުނީ އިއްޔެ މިނިސްޓަރު ހިންމަފުއްޓަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ދަތުރުކުރެއްވި ލޯންޗުގައި ރިހެބިލިޓޭޝަން ސެންޓަރުން ސްޓްރޯކެއް ޖެހިގެން މީހަކު ގެނައި ކަަމަށެވެ.
އެ މީހާއާއެކު މިނިސްޓަރު ވެސް ދަތުރުކުރި ލޯންޗު މާލެ އައީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ނަމަވެސް މާލެއަށް އައިއިރު ވެސް އެ މީހާ ބަލައި އެމްބިއުލާންސް އައިސްފައެއް ނުވެއެވެ. އެމްބިއުލާންސް ލަސްވުމުން އެވަގުތު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ރަސްމީ ކާރުކޮޅުގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދިނެވެ.
އެއަށް ފަހު މިނިސްޓަރު ވަޑައިގަތީ ހިންގަވާފައެވެ.
މިނިސްޓަރު އިއްޔެ ހިންމަފުއްޓަށް ކުރެއްވި ދަތުރަކީ، އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އިތުރުން ހިންމަފުށީ އައްސޭރި ޖަލަށް ވެސް ޒިޔާރާތްކުރެއްވިއެވެ. އަދި އެތަނުގައި މަސައްކަތްކުރާ ފުލުހުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިނިސްޓަރު ވަނީ އައްސޭރި ޖަލުގައި ތިބި ގައިދީންނާ ބައްދަލު ކުރައްވައި ގައިދީންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީ- އިންޓަގްރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލައްވާފައެވެ.