ޒަކާތު ފަންޑުން ކިޔަވާ ކުދިންނަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި

ޒަކާތު ނަފާ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެ އަހަރެއްހައި ދުވަސްތެރޭ މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ޒަކާތު ފަންޑުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެ ކަން ހާމަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ލިޔުމުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާ ކުރެއްވި ސުވާލަކަށް މިއަދު ހާމަކުރި ޖަވާބުގައެވެ.

އެގޮތުން ބޮންޑޭ އެއިރު ސުވާލުކުރެއްވީ ޒަކާތު ފަންޑުން އަހަރެއްގެ މައްޗަށް ކުރަމުން އަންނަ ޚަރަދުތަކަކީ ކޮބައިތޯ ބެލުމަށެވެ.

އެ ސުވާލަށް މިނިސްޓްރީން ފޮނުވި ޖަވާބުގައިވަނީ ޒަކާތު ފަންޑުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ފައިސާ ހަވާލުކުރަނީ އެ މިނިސްޓްރީން ކަމަށެވެ.

އެގޮތުން ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ދަރިވަރުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރާކަމަށް ބުނެފައިވެއެވެ. އަދި ކޯހުގެ ފީގެ ގޮތުގައި ދޭ ފައިސާ ކޮލެޖު ނުވަތަ ޔުނިވާސިޓީގެ އެކައުންޓަށް ޖަމާކުރާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ޔުނިވާސިޓީތަކަށް ނުވަތަ ކޮލެޖަށް ފައިސާ ޖަމާކުރަނީ އެ މަހެއްގެ އިންވޮއިސް ފޮނުވުމުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްކަމަށް ވެސް އެއިރުގެ މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

ޒަކާތު ފަންޑުން ދެ އަހަރުގެ ތެރޭ ވަނީ 11 މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައެވެ. އެގޮތުން:

  • 2020: 13 ދަރިވަރަކަށް 508،242 ރުފިޔާ ޚަރަދުކުރި
  • 2021: 180 ދަރިވަރަކަށް 11،405،086.96 ރުފިޔާ ޚަރަދުކުރި

ޒާހިރު ވިދާޅުވި ގޮތުގައި މީގެ އިތުރުން ވެސް އެ ފަންޑުން ވަނީ ކޮވިޑުގެ ދުވަސްވަރު ގިނަ ޚަރަދުތަކެއް ކޮށްފައެވެ. އެގޮތުން:

  • ރާއްޖޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޚަރަދުކުރުމަށް ޖެންޑާ މިނިސްޓްރީއާ 1،000،000ރ. ހަވާލުކުރުން.
  • ކިއުބާގައި ތިބި ދަރިވަރުންނަށް ކެއާ ޕެކޭޖު ފޮނުވުމަށާއި ހާލުގައި ޖެހިފައި ތިބި ބިދޭސީންނަށް ޚަރަދުކުރުމަށް ހޯމް މިނިސްޓްރީއަށް 29،948ރ. ހަވާލުކުރުން.
  • ރާއްޖޭގައި ހިންގަމުން އަންނަ ޕްރީ ސްކޫލްތަކާއި ގުރުއާން ކްލާސްތަކަށް ޚަރަދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ 1،500،000ރ. ހަވާލުކުރުން.
  • ރާއްޖެއިން ބޭރުގައި ހާލުގައިޖެހިފައިވާ ދިވެހިންނަށް ޚަރަދުކުރުމަށް ފޮރިން މިނިސްޓްރީއާ 3،000،000ރ. ހަވާލުކުރުން.

ޒަކާތު ފަންޑުގެ ތެރެއިން ޚަރަދުކުރަނީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށެވެ. އަދި ބޭސްފަރުވާ އަދި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމަށް ހޭދަކުރުމަށެވެ.

comment ކޮމެންޓް