ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ނެގޭ ޑޮލަރު ލިމިޓުވެފައި އޮތުމުން ދިވެހިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ތުރުކީއަށް މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ފާހަގަކުރި އެއް ކަންބޮޑުވުމަކީ ޑޮލަރު ނެގުމުގައި އޮތް ލިމިޓުގެ ސަބަބުން ދިމާވާ އުނދަގުލެވެ. އެހެންވެ އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ އެ ކަންބޮޑުވުންތަކަށް ދެއްވި ޖަވާބެއްގެ ގޮތުގައެވެ.
މީގެ އިތުރުން ވެސް ބައްދަލުވުމުގައި މުހިންމު އެހެނިހެން ކަންކަމުގެ މަޝްވަރާކޮށްފައިވެއެވެ.
ކާޑުން ޑޮލަރު ނެގޭ ލިމިޓް އުވައިލުމަކީ ރައީސް ޑރ. މުއިއްޒު ކެމްޕޭން ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެއިރު ރައީސް ވިދާޅުވީ ބޭންކުތަކުން ލިމިޓެއް ކަނޑައަޅައިފައި އޮތުމަކީ ރައްޔިތުންގެ ވަަރަށް ބޮޑު ޝަކުވާއެއްކަމަށެވެ.
ހަމައެއާއެކު ޑޮލަރުގެ އަގުހެޔޮކޮށް ފޮރިން އެކްސްޗޭންޖު ހަރުދަނާކޮށްދެއްވާނެކަމަށް ވެސް ރައީސް ވަނީ އޭރު ވައުދުވެޑައިގެންފައެވެ.