ކުރީގެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އެކަން ތަހުގީގު ކުރުމަށް ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އެ ގަރާރު މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވައިފައެވެ.
އެމްޑީޕީ ސަރުކާރަށް އޭރުގެ އިދިކޮޅުގައި އޮތް ފަރާތްތަކުން ކޮށްފައިވާ އެ ތުހުމަތުތައް ބަލައިދިނުމަށް އިންކުއަރީއެއް ހަދަން ހުށަހަޅަން ނިންމީ އއ. އުކުޅަހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.
މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނީ ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.
އެހެންވެ، ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީން ބޭނުންވާ ތުހުމަތުތައް އެ ގަރާރުގައި ވަނީ ހިމަނާފައެވެ.
އެގޮތުން ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނަގާލުމަށް ރާވަމުން ދިޔަކަމަށް ކުރި ތުހުމަތާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ކުރި ތުހުމަތުތައް ބަލަން ވެސް އެ ގަރާރުގައި ގޮވާލައިފައިވެއެވެ. އަދި، ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނެ ކުރަމުން ދިޔަ ތުހުމަތު ވެސް އޭގައި ހިމެނެއެވެ.
މި ސަރުކާރުގެ އެންމެ ބޮޑެތި އަދި އެންމެ ފުރަތަމަ ނިންމަން ވައުދުވެލައްވާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައާއި އިންޑިއާ ސިފައިން ބޭރުކުރުން ހިމެނެއެވެ.
މިކަންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނު ދުވަސްވަރު ވެސް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅެވެ.