ކާބޯތަކެއްޗާއި ތެލާއި އެހެނިހެން އަސާސީ ތަކެތީގެ އަގު އުފުލުމާއެކު ޣައްޒާއަށް ފޯރުކޮށްދޭ އެހީ ވިޔަފާރީގައި ވިއްކަން ބައެއް މީހުން ބޭނުންކުރަމުން އަންނަކަމަށް ދަ ނޭޝަނަލް އިން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވިއިރު ގާޒާގައި އާންމު ރައްޔިތުން ތިބީ ވަަރަށް ނިކަމެތި ހާލަތުގައެވެ.
ޕެޓްރޯލާއި އެހެނިހެން ތަކެތި ގާޒާއަށް ހަނގުރާމައިގެ މުއްދަތުގައި ވެއްދުން މަނާކުރުމުން، އެ ތަކެތީ ލިބުން ދަތިވެ އާންމުންގެ އަތް ނުފޯރާ މިންވަރަށް އިންތިހާއަށް އެ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.
އެހެންވެ ފައިސާގެ ބޭނުންޖެހި، ބައެއް މީހުން އަންނަނީ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ވިއްކަމުންނެވެ.
"ބައެއް މީހުން އަންނަނީ އިންސާނީ އެހީގެ ގޮތުގައި ލިބުނު ބައެއް ކާނާ އަޅުގަނޑުމެންނަށް ވިއްކަމުން، ފައިސާ ބޭނުންވާތީ،" ޣައްޒާގެ އުތުރުން ގެދޮރު ގެއްލިފައިވާ އާންމުންގެ މައި މަރުކަޒު ކަމަށްވާ ދެކުނުގެ ޚާން ޔޫނިސްގައި ސުޕަމާކެޓެއްގެ ވެރިޔާ އަހުމަދު އަޒީޒް ބުންޏެވެ.
ޣައްޒާގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެންމެ އާންމުކޮށް ބޭނުންކުރާ، ކިރު ލީޓަރެއްގެ އަގު ވަނީ ދެ ގުނަ އުފުލިފައެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ޣައްޒާއަށް އެހީ ވެއްދުމުގެ ހުއްދަ ދީފައިވަނީ މަދު މިންވަރަކަށެވެ.
އެހީ ޓްރަކްތައް ޣައްޒާއަށް ވަނުމުގެ ހުއްދަ އިސްރާއީލުން ފުރަތަމަ ދީފައިވަނީ ހަނގުރާމަ ފެށިތާ ދެ ހަފުތާ ވެފައިވަނިކޮށް، އޮކްޓޯބަރު 21ވަނަ ދުވަހުއެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި، ވަގުތީ ހިޔާގައި ދިރިއުޅޭ ކުއްޖަކު ކާނާ ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި. ފޮޓޯ/ވޯލްޑް ފުޑް ޕްރޮގްރާމް
ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް މިހާރު މެދުކަނޑާލާފައިވާއިރު، ޣައްޒާއަށް އެހީ ވައްދާ މިންވަރު އިތުރުކުރަން ފުރުސަތު ދިނުމަށް އިސްރާއިލުންވަނީ އެއްބަސްވެފައެވެ. އެހީ ފޯރުކޮށްދޭ މިންވަރު އިތުރުކޮށްފައި އޮތް ނަމަވެސް އެއީ އަދިވެސް ޣައްޒާގެ އާބާދީއަށް ފުދޭވަރަށްވުރެ މާ މަދު މިންވަރެކެވެ.
ކާބޯތަކެތީގެ ލިބުން ދަތިވުމުގެ ސަބަބުން ފިހާރަތަކުގައި ލިބެން ހުރި މަދު ތަކެތީގެ އަގު ވަނީ އިންތިއާއަށް އުފުލިފައެވެ.
ވޭތުވެދިޔަ ހަތަރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ހަނގުރާމަ ހުއްޓައި ނުލައި ކުރިއަށް ގެންދިއުމުގެ ސަބަބުން ދަނޑުވެރިންނަށް ދަނޑުތަކަށް ގޮސް މަސައްކަތްކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
އެ މީހުން ބުނާ ގޮތުން ދަނޑުތަކާ ހަމައަށް ދިއުމުގެ ކުރިން އިސްރާއީލު ސިފައިން އެމީހުންގެ ގަޔަށް ބަޑިޖަހައި މަރާލުމުގެ ބިރު ބޮޑެވެ.
ހަމަލާތައް މެދުކަނޑާލާފައި އޮތް މުއްދަތު އިއްޔެ ހަމަވެފައިވާއިރު، ހަނގުރާމަ އެއްކޮށް ހުއްޓާލާނެ ކަމުގެ އުންމީދު ކުރާކަމަށް ޣައްޒާގެ އާންމުން ބުނެއެވެ.