އިންޑިއާގެ ޓަނަލުގައި ތާށިވި މީހުން ސަލާމަތްކުރާ ސަރަހައްދަށް މޯދީގެ ޚާއްސަ އޮފިޝަލެއް

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕްރިންސިޕަލް ސެކްރެޓަރީ ޕީ ކޭ މިޝްރާ ޓަނަލުގައި ތާށިވެފައިތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި. ފޮޓޯ/ޓްރައިބިއުނީ އިންޑިއާ

އިންޑިއާގެ އުއްތަރަކާންދުގެ ހައިވޭއެއް ހެދުމަށް ސިލްކިޔާރާ ޓަނަލް ކޮނުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ ޓަނަލުގެ ތެރޭގައި 41 މީހަކު ތާށިވެފައި ތިބޭތާ 16 ދުވަސްވެފައިވާއިރު، ހޯމަ ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ އޮފިޝަލް ޕީކޭ މިޝްރާ އެ ސަަރަހައްދަށް ވަޑައިގެންފިއެވެ.

މިޝްރާ ވަނީ ތާށިވެފައި ތިބި މަސައްކަތްތެރިންގެ އާއިލާތަކާ ވާހަކަދައްކަވައި، މަސައްކަތްތެރިންނަށް ފޮނުވަމުންދާ ކާބޯތަކެތީގެ ތަފްސީލު ވެސް ހޯއްދަވައިފައެވެ.

ޓަނަލުގައި ތާށިވެފައި ތިބި މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް އެކި ގޮތްގޮތަށް ކުރަމުން އަންނައިރު ވެސް މިހާތަނަށް އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. މީހުން ސަލާމަތްކުރުމުގެ ގޮތުން މިހާރު އެ ސަރަހައްދު ކައިރިން ފަރުބަދަ ކޮންނަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު ކޮނުމުގެ މަސައްކަތް ފެށިއިރު، ތާށިވެފައި ތިބި މަސައްކަތްތެރިން ސަލާމަތް ކުރެވޭނީ ގާތްގަނޑަކަށް 110 މީޓަރު ފުންކޮށް ފަރުބަދަ ކޮނެގެނެވެ. ބާރު ދުވެލީގައި ކުރިއަށްދާ މި މަސައްކަތުކައި މިހާރު ވަނީ 30 މީޓަރު ފުނަށް ކޮނެފައެވެ. އަދި އިތުރު 80 މީޓަރު ކޮންނަން ޖެހޭނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

ނަމަވެސް އެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ ބޮޑު ޑްރިލް ހަލާކުވުމުން މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް އެ މަސައްކަތުގައި އުޅޭ ޓީމުން ބުނެއެވެ. ޓަނަލުގެ ތެރޭގައި ތިބި މީހުން ތާށިވެފައިވަނީ 60 މީޓަރު ފުނުގައެވެ.

ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރާއި 36 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި މަސައްކަތް ނިމޭނެ ކަމަށް ޓީމުން ހާމަކުރެއެވެ.

ޓަނަލްގައި ތާށިވެފައިތިބި މީހުން ފެންނަ ވީޑިއޯއެއް. ފޮޓޯ/ދަ ޕްރެސް

މީގެ އިތުރުން ތާށިވެފައި ތިބި މީހުން ސަލާމަތްކުރާ ވަގުތު އެއްވެސް ކަހަލަ ނުރައްކާތެރި ކަމެއް ހިނގައި މީހެއްގެ ފުރާނައަށް ނުރައްކާވާ ކަހަލަ ކަމެއް ދިމާވެދާނެކަމަށް ޓަކައި ޓަނަލް ހުރި ސަރަހައްދު ކައިރީގައި ޑޮކްޓަރުންގެ ޓީމަކާއި 41 އެނދު ހިމެނޭ ހޮސްޕިޓަލް ފެސިލިޓީއެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.

މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ޓީމުން ވަނީ ތާށިވެފައިވާ މީހުންގެ ހާލު ރަނގަޅުކަމަށާއި އެމީހުން ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންގެންދާ ކަމަށް ބުނެފައެވެ.

4.5 ކިލޯމީޓަރުގެ މި ހައިވޭ އަކީ އުއްތަރަކްޝީ ޑިސްޓްރިކްޓުގެ ސިލްކަޔާރާ އާއި ޔަމުނޯރިޓީ އާ ދެމެދު ގާއިމުކުރަމުންދާ ހައިވޭއެކެވެ. ބިމު އަޑީގެ މި ހައިވޭ ނިމުމުން އެ ދެ ޑިސްޓްރިކްޓްގެ ދެމެދުގައި އެއްގަމު މަގުން ދަތުރު މިހާރު ކުރާ 26 ކިލޯމީޓަރުގެ ދަތުރު 4.5 ކިލޯމީޓަރަށް ކުރުވާނެއެވެ.

comment ކޮމެންޓް