އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން ހަދަން އެމްޑީޕީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މިރޭ ބުނެފިއެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒުލީން އަހުމަދު "ސަން"އަށް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމާ ބެހޭ ގޮތުން މަޝްވަރާކުރުމާ ގުޅޭ ގޮތުން އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ސިޓީއެއް ފޮނުވި ކަމަށެވެ.
އެ ސިޓީއަށް ޕީއެންސީން ޖަވާބު ދިނުމުން އެ ޕާޓީއާއެކު ޖޭޕީން ވަނީ ހޮނިހިރު ދުވަހު ބައްދަލުކޮށްފައެވެ.
އަޒްލީން ވިދާޅުވީ އެމްޑީޕީން އެ ސިޓީއަށް ޖަވާބު ދިނީ މިއަދު ކަމަށެވެ.
"އެ ބޭފުޅުން އަޅުގަނޑުމެން ފޮނުވި ސިޓީގެ ޖަވާބުގައި ވިދާޅުވެއްޖެ ޝައުގުވެރިކަން ހުރި ވާހަކައާއި އަޅުގަނޑުމެންނަށް އެކަމުގައި ރަސްމީ ޖަވާބެއް ދެއްވާނަމޭ. މަޝްވަރާ ކުރުމަށް ފަހު އަޅުގަނޑުމެންނަށް އެކަމުގައި ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތީ،" އަޒްލީން ވިދާޅުވިއެވެ.
"އެހެންވީމަ އޭގެ މާނައަކީ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެ ބޭފުޅުންގެ ވެސް އެބަހުއްޓޭ."
އޭނާ ވިދާޅުވީ އެމްޑީޕީއާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވޭނެ ތާރީޚެއް މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށާއި ނަމަވެސް ވީހާވެސް އަވަހަކަށް ޖަވާބެއް ދޭނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށެވެ.
"ދެން ކޯލީޝަންގެ އަންޑަސްޓޭންޑިންއަކާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ދެ ފަރާތުގެ މަޝްވަރާއަށް ފަހު،" އަޒްލީން ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީގެ ބަހެއް ލިބިފައިނުވެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ޖެހުނު އިރު ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން، އެ އިންތިޚާބުގައި އެމްޑީޕީއާ އެކު ވާދަކުރަން މަޝްވަރާ ކުރި ނަމަވެސް އެ ދެ ޕާޓީއަށް އެއްބަސްވުމަކަށް ނާދެވުނެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރެއްވުމުން ނާކާމިޔާބުވެވަޑައިގަތެވެ. އެ މަނިކުފާނުގެ ތާއިދު ދެވަނަ ބުރަށް ހޯއްދަވަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ގާސިމް އަރިހަށް ވަޑައިގެން ދިގު ދެމިގެންދިޔަ މަޝްވަރާތަކެއް ބޭއްވެވި ނަމަވެސް، ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ.
އެމްޑީޕީގެ ވަގުތީ ރައީސްކަމުގެ މަގާމަށް މިދިޔަ ހަފުތާގައި ރައީސް ޞާލިހު ވަނީ ހޮވައިފައެވެ.