ޖެހިޖެހިގެން ތިންވަނަ މެޗުން ސްޕާސް ބަލިވެއްޖެ

އެސްޓަންވިލާގެ ދެ ލަނޑު ޖަހައިދިން ޕައު ޓޯރޭޒް އާއި އޮލީ ވޮޓްކިންސް-- ފޮޓޯ/ ދި ޓެލެގްރާފް

އިންގްލިޝް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ޓޮޓްނަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.

ސްޕާސް މި ފަހަރު ބަލިވީ އަމިއްލަ ދަނޑުގައި އެސްޓަންވިލާއާ ބައްދަލުކުރި މެޗުން 2-1 އިންނެވެ. މި ފަހަރުގެ ސީޒަން އެންމެ ކާމިޔާބުކޮށް ފެށި އެއް ޓީމުގެ ގޮތުގައި ފާހަގަ ވެގެންދިޔަ ސްޕާސް ވަނީ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. ރޭގެ މެޗު ފެށުމުގެ ކުރިން ވަނީ ސްޕާސްގެ ކުރީގެ ކޯޗް ޓެރީ ވެނަބުލްސް މަރުވުމުގެ ހިތައިމައިގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ސްޕާސްއިންނެވެ. އަދި، މެޗުގެ ފެށުން ރަނގަޅު ވެގެންދިޔައީ ވެސް ސްޕާސްގެއެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ސްޕާސްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއޮވާނީ ލޮ ސެލްސޯއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަންވިލާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕައު ޓޯރޭޒްއެވެ.

މެޗުން އެސްޓަންވިލާ މޮޅުވި ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ އޮލީ ވޮޓްކިންސްއެވެ. މިއީ އޭނާ މި ސީޒަންގައި ވިލާއަށް ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ. މި މެޗުގައި ސްޕާސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި ނަތީޖާއާ އެކު އެސްޓަން ވިލާ މިހާރު ވަނީ ކުޅުނު 13 މެޗުން ލިބިފައިވާ 28 ޕޮއިންޓާ އެކު ސްޕާސް ފަހަތަށް ޖައްސައިލާ ތާވަލުގެ ހަތަރުވަނަ މަގާމަށް ކުރިއަށް ޖެހިލައިފައެވެ. ސްޕާސް އޮތީ 26 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައެވެ.

comment ކޮމެންޓް