އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ވަރަށް އަވަހަށް އިއުލާން ކުރާނަން: ސައީދު

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ ކުރެހުމެއް ---

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް ކުރިއަށް ގެންދިއުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.

އަދި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ވެސް އެ ޕްރިޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީހުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފުތާ14ގެ ހިމެނޭ ބައެއް މަސައްކަތުގެތެރެއިން، ލ. ގާދޫ ކައިރީ ތަރައްގީ ކުރާ ކޮމާޝަލް ޕޯޓާއި، ލޮޖިސްޓިކްސް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދި މާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެ މަޝްރޫއުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މި މަޝްރޫއުތަކާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައެވެ.

ރާއްޖެ މިހާރު އޮތް ހާލަތު ބަދަލު ކުރުމަށް އިތުރު އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރުން މުހިންމު ވެފައިވާއިރު ރައީސް މުއިއްޒު ވަޑައިގަތީ އެކަންކަން ކުރައްވާނެ ކަމުގެ ވައުދާއެކުއެވެ. އޭގެ ތެރޭގައި ޓްރާންޝިޕްމަންޓް ޕޯޓްތައް ހެދުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ.

comment ކޮމެންޓް