ވަޒީރުންނަށް ރުހުން ނުދިނުމަކީ ތާކުންތާކު ނުޖެހޭ ކަމެއް: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އާ ރައީސެއް ރައްޔިތުން އިންތިޚާބު ކުރުމުން އެ ރައީސް ކަނޑައަޅުއްވައި ވަޒީރުންނަށް ރުހުން ނުދޭން މަޝްވަރާ ކުރާނަމަ އެއީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށާއި އެއީ، ސަރުކާރު ހިންގަން ހުރަސް އެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އާ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން އެމްޑީޕީން މަޝްވަރާ ކުރާ ކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އެކަމަކު، އެމްޑީޕީން މިހާތަނަށް އެފަދަ ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުން އާ ސަރުކާރެއް އިންތިޚާބު ކުރުމުން އެ ސަރުކާރެއް ހިންގަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެހެންވެ، މި ސަރުކާރު ވަޒީރުންނަށް ރުހުންނުދޭން އެމްޑީޕީން ވިސްނައިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެ މީހުންގެ ސުލޫކީ ގޮތުން ނުވަތަ އަޚްލާގީ ގޮތުންނާއި އެ ނޫން ވެސް ގޮތަކުން އެއްވެސް މައްސަލައެއް ނެތް ކަމަށްވަންޏާ، މީހަކާ ޒާތީ ގޮތުން ދިމާކޮށްލައިގެން މީހަކަށް ރުހުން ނުދިނުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން ޑިސައިޑް ކުރި ސަރުކާރަށް ހިންގުމަށްޓަކައި ހުރަސް އެޅުންތަކެއް. އެމްޑީޕީގެ ފަރާތުން އެފަދަ ކަމެއް ކުރައްވައިފާނެ ކަމަށް އަޅުގަނޑު ނުދެކޭތީ،"

ގާސިމް: އޭނާ ވަނީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް މިއަދު ވިދާޅުވެފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި ގާސިމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުރަތަމަ ވަޒީރުކަމަށް އަންނަން ރުހުން ދޭންޖެހޭނެ ކަމަށެވެ. އެކަމަކު، ވަޒީރު ކަމަށް ވަޑައިގަތުމަށް ފަހުގައި ގާނޫނާ ހިލާފު ކަމެއް ކުރައްވައިފިނަމަ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ވަޒީރު ބޭރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި އޮތް ކަމެއްގައި، ހައުސިން މިނިސްޓަރު އެކަން ރިވިއުކޮށްލައިނަމޭ ބުނީމާ އެއީ ވަރަށް ތަފާތު ކަމެއް ގޮތަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފަހު ވަގުތު ބަހައިލި ފުލެޓުތަކުގެ ލިސްޓު ރިވިއު ކުރާނެ ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ މެންބަރު މީކައިލް އަހުމަދު މީގެ ކުރިން ވަނީ ހައިދަރަށް ރުހުން ނުދޭން ގޮވާލައިފައެވެ. އެކަމަކު، އެމްޑީޕީން މިހާތަނަށް އެފަދަ ނިންމުމެއް ނިންމައިފައެއް ނުވެއެވެ.

އާ ސަރުކާރުން 22 ވުޒާރާއަކަށް އައްޔަން ކުރި 22 ވަޒީރުންނަށް ރުހުން ދިނުމަށް މިހާރު އޮތީ މަޖިލީހަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް