ބައެއް މަގާމުތަކަށް ކުރީ ސަރުކާރުން ފޮނުވި ނަންތައް އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ބައެއް ސިޔާސީ މަގާމުތަކަށް އައްޔަންކުރަން ކުރީ ސަރުކާރުގެ ފަހު ކޮޅު ފޮނުވާފައިހުރި ބައެއް ނަންފުޅުތައް އާ ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވާފައިވާ ނަންފުޅުތައް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ވަނީ އެ ނަންފުޅުތައް އަނބުރާ ގެންދަން އެދި މި މަހުގެ 22 ގައި މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.

އަދި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އައްޔަންކޮށް ރުހުން ދިނުމަށް ފޮނުވައިފާ ދެ ބޭފުޅެއް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއީ، ފާތިމަތު ޝިރުވީން އަދި މުހައްމަދު އާޒާދެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ސަރުކާރު ބަދަލުވުމާ އެކު ޕީސީބީގެ ބޯޑުން އިސްތިއުފާ ދެއްވައިފައެވެ.

މީގެ އިތުރުން، ބޭރުގެ ބައެއް ގައުމުތަކަށް ސަފީރުން އައްޔަންކުރަން ވެސް ވަނީ ކުރީ ސަރުކާރުން އޮތީ ފޮނުވައިފައެވެ. އެ ނަންތައް ވެސް ވަނީ މިހާރު އަނބުރާ ގެންގޮސްފައެވެ. އެއީ،

  • ޗައިނާއަށް - ހުދާ އަލީ ޝަރީފް
  • ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް - މަރިޔަމް މިދުފާ ނައީމް
  • ބަންގްލަދޭޝްއަށް - ޝިއުނީން ރަޝީދު
  • ޕާކިސްތާނަށް - ހަދީޖާ ނަޖީހާ

އެ ހަތަރު ބޭފުޅުންގެ ނަންތައް ވެސް އަނބުރާ ގެންދަން އާ ސަރުކާރުން ވަނީ އެދިފައެވެ.

ކުރީ ސަރުކާރުން ވެރިކަމުގެ ފަހުކޮޅު މަގާމުތަކަށް ބޭބޭފުޅުން އައްޔަންކުރަން ފޮނުވާތީ އޭރު އިންތިގާލީ މަރުހަލާގައި ވެސް އޭރުގެ އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް