ފަސް އަހަރުން ދަށުގެ ކުއްޖަކަށް ކޮވިޑް ޖެހި، އެޑްމިޓްކޮށްފި

ރާއްޖޭގައި ކޮވިޑް19 ވެކްސިން ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސް އަހަރުން ދަށުގެ ކުއްޖަކަށް ކޮވިޑް-19 ޖެހުމުގެ ސަބަބުން އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފައިވާ ކަމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް "ސަން"އަށް ވިދާޅުވީ އެ ކުއްޖާ އެޑްމިޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް، ކުރިން ވެސް އަމަލުކުރާ ފަދައިން ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، އެ ކުއްޖާއަށް އެ ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ކަމަށެވެ. އެހެންވެ، ހުރިހާ އެންމެން ވެސް މި ބައްޔާ މެދު ސަމާލުވުމަށް ފައިސަލް އެދިވަޑައިގަތެވެ.

މި ބަލިން ރައްކާތެރި ވުމަށް ޓަކައި އެއް މީޓަރުގެ ގައިދުރުކަން ބެހެއްޓުމަށާއި މީހުން ގިނަ ތަންތަނަށް ޒިޔާރާތް ކުރާއިރު މާސްކް އެޅުމަށާއި، އަތް ދޮވެ ނުވަތަ ގިނައިން ސެނިޓައިޒާ ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު މި ބަލީގައި ހަ މިލިއަން މީހުން ވަނީ މަރުވެފައެވެ.

ރާއްޖެއިން 186،694 މީހަކަށް މި ބަލިޖެހި 316 މީހުން މި ބަލީގައި މަރުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް