ކިންގްސް ޔުނައިޓެޑް އާއި ސުޕާ ކިންގްސްއިން ވެސް ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައާ ކައިރިއަށް ޖެހިލައިފިއެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2023 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކިންގްސް ޔުނައިޓެޑް ނިކުތީ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމު އަލްބަޓްރޯސް ޖޫނިއާޒާއެކުގައެވެ. މި މެޗު ކިންގްސް ޔުނައިޓެޑުން ކާމިޔާބުކުރީ 9-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ހަތަރު ލަނޑު ޖަހައި، މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ކިންގްސް ޔުނައިޓެޑްގެ ސާމިޙު އަލީ ޝަރީފް (ސާމިއްޓޭ) ވަނީ ޖެހިލައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.
ސާމިއްޓޭގެ އިތުރުން ހުސެއިން ޝަރީފް (އޮންލީ) ވެސް ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. ކިންގްސްގެ އަނެއް ދެ ގޯލު މި މެޗުގައި ޖަހައިދިނީ ހުސެއިން އާދިލާއި އަޝަމް އަހުމަދު (އައްޓި)އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކިންގްސް ޔުނައިޓެޑް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހަމަކޮށް ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފައެވެ.
ހަމައެއާއެކު ލީގު ބުރުގެ އެއްވަނަ ހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު މިހާރު އޮތް ހަމައެކަނި ޓީމަކީ ވެސް ކިންގްސް ޔުނައިޓެޑެވެ.
އެ ޓީމަށް ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ފައިނަލުން ޖާގަ ހޯދޭނެއެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ސުޕާ ކިންގްސާއި ނިއު ސްޕީޑެވެ.
އެ މެޗު ސުޕާ ކިންގްސްއިން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ސުޕާ ކިންގްސްއަށް ކާމިޔާބުކޮށްދިނީ ޝާފިއު ސުއޫދް (ބޮއްބެ)އެވެ. މީގެ އިތުރުން މުހައްމަދު އަނީލް، މުހައްމަދު ފާސިރު (ފާއްޓޭ) އަދި ހަސަން ސަފޫޙް (ގޮއްބޭ)ވަނީ ވެސް ވަނީ ލަނޑު ޖަހައިފައެވެ.
ސުޕާ ކިންގްސްއިން މެޗުގައި ޖެހި އަނެއް ލަނޑަކީ ނިއު ސްޕީޑްގެ ގޯލް ކީޕަރު އަލީ ޝަރީފްގެ ގައިގައިޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުގައި ނިއު ސްޕީޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސެއިން ޔައުރީފް (ކޮކީ)އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސުޕާ ކިންގްސްގެ މުހައްމަދު ފާސިރު (ފާއްޓޭ)އެވެ.
މި ނަތީޖާއާއެކު ސުޕާ ކިންގްސް ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފައެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅެން ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެލްކަން ޔުނައިޓެޑާއި އަލްބަޓްރޯސް ޖޫނިއާޒެވެ. އަދި ދެވަނަ މެޗުގައި ޔުނެއިޓް މަލަންމަގު ބައްދަލުކުރާނީ ކިންގްސް ޔުނައިޓެޑާއެވެ.