ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އިސްތިއުފާދެއްވައިފިއެވެ.
އެފްއޭއެމުން ޖަވާ އިސްތިއުފާދެއްވާފައި މިވަނީ، އެ އިދާރަގައި 24 އަހަރާއި ތިން މަސް ދުވަހުގެ މުއްދަތަކަށް އެކި މަގާމުތަކުގައި މަސައްކަތްކުރެއްވުމަށްފަހުއެވެ.
މީޑިއާތަކަށް ޖަވާ މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމުން އޭނާ އިސްތިއުފާދެއްވާފައިވާ ކަމަށާއި ފާއިތުވެދިޔަ ދިގު މުއްދަތުގައި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން، އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އުނދަގޫ ނިންމުމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމާ ޖަވާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު ބޭއްވި އެ އިދާރާގެ އިންތިހާބަށްފަހުއެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ވެސް ޖަވާ މަސައްކަތްކުރެއްވިއެވެ.
ޖަވާ އިސްތިއުފާދެއްވާފައިވާ އިރު، އެފްއޭއެމްގެ ވެރިންނަށް ދަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އެދުމުގެ މަތިން ފުލުހުން ގެންދަނީ ތަހުގީގެއް ވެސް ކުރަމުންނެވެ.
އެފްއޭއެެމަށް ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެ އިދާރާއިން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.