ޔާމީން ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒޭން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އަދި އަނބިކަނބަލުން ފާތިމަތު އިބްރާހިމް --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އިސް މުއައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސައި، ޖުމުލަ އަށް ބޭފުޅެއްގެ ނަން މަތީގައި ޕާޓީ ރެޖިސްޓްރީކުރަން އެދެން ނިންމައިފިއެވެ.

ސިޔާސީ ގޮތުން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔާމީން ވަނީ އެ މަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހުގައި ގެންދަވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރަން، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފައެވެ. އެގޮތުން، ޔާމީން ވަނީ ޕާޓީގެ މުއްސިސުންގެ ގޮތުގައި ޖުމުލަ އަށް ބޭފުޅަކު ހިމަނުއްވަން ނިންމަވައިފައެވެ. އެއީ،

  • ދަރިކަލުން ޒޭން އަބްދުﷲ ޔާމީން
  • ކުރީގެ ރައީސް އަބްދުﷲ ޔާމީން
  • ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
  • ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު
  • ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ
  • އަދްލީ އިސްމާއިލް
  • ޑރ. އަބްދުﷲ ޖިހާދު
  • އަލީ އާދަމް

އެކަމަކު، އީސީގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށެވެ. އެހެންވެ، މަޝްވަރާ ކުރުމަށް ފަހު އެ ބޭފުޅުން ނިންމެވީ ޕާޓީގެ މުއައްސިސްކަން ޒޭނަށް ދޭށެވެ.

އީސީގައި ބޭރުގައި ތިބެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، އަމާޒަކީ ރާއްޖޭގައި އެންމެ އަވަހަށް އުފައްދާ ސިޔާސީ ޕާޓީގެ ރިކޯޑު ގާއިމު ކުރުން ކަމަށެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިގަންނަން ހުއްދަ ލިބުނުހާ އަވަހަކަށް ގާނޫނުގައި ބަޔާންކުރާ 3،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުގުރައިލާނަން،" މަލީހް ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ އެކު -- ސަން ފޮޓޯ: އިންފިނިޓް މުމަންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވީ، ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި އިލެކްޝަންގައި ވެސް ޕީއެންއެފުން ވާދަކުރާނެ ކަމަށެވެ. އަދި، އަންނަ އަހަރު ކުރީކޮޅު ބާއްވަން ތައްޔާރުވަމުން އަންނަ 20 ވަނަ މަޖިލީސް އިންތިޚާބުގައި ވެސް ވާދަކޮށް، ބޮޑުކޮށް އެ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުށުގެ ރިކޯޑުތަކާއި އިދާރީ ކަންކަން ފުރިހަމަވީހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އެހެންވެ، ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

އެ މަަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ޔާމީންގެ ގާނޫނީ ވަކީލު ޑރ. ޖަމީލާއި ކުރީގެ ވަޒީރު މަލީހެވެ.

comment ކޮމެންޓް