ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ބޮޑު: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން. ފޮޓޯ/ދަ ޓެލެގްރާފް

އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ހަމަލާތައް މެދުކަނޑާލަން ދެ ފަރާތުން މިހާރު އެއްބަސްވެފައި ވަނީ ހަތަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ހަމަލާތައް ވަނީ މެދުކަނޑާލާފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބައިޑެން ވިދާޅުވި ނަމަވެސް، ހަނގުމާރަ ދިގުދެމިގެންދާނީ ކިހާ މުއްދަކަށްތޯ ކުރި ސުވާލަށް ބައިޑެން ޖަވާބެއް ނުދެއްވައެވެ.

"އުއްމީދު ކުރަނީ މިކަމަށް ވީހާވެސް އަވަހަކަށް ނިމުމެއް ގެނައުމުގެ ގޮތުން ހަނގުރާމަ މަޑުޖައްސާލުމަށް އަރަބި ދުނިޔެ އާއި ސަރަހައްދީ ގައުމުތަކުން ހުރިހާ ފަރާތްތަކަށް ވެސް ޕްރެޝަރު ކުރާނެ ކަމަށް." އިސްރާއީލަށް އޮތް ތާއީދު ތަކުރާރު ކުރައްވައި ބައިޑަން ވިދާޅުވިއެވެ.

ހަމާސް ނައްތާލުމަކީ އިސްރާއީލަށް ހައްގު ކަމެއް ކަމަށް ދޭހަވާ މޭރުމަކުންވެސް ބައިޑަން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ފަލަސްތީނުގެ އާންމުންނަށް ހަމަލާތަކުގައި ލިބެމުންދާ އަނިޔާ ވީހާވެސް މަދުކުރުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހިތްވަރުދެއްވާފައިވާނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި 50 އަންހެނުންނާއި ކުޑަކުދިން ހަތަރު ދުވަހުގެ ތެރޭގައި ދޫކޮށްލާނެއެވެ. އެއީ އިސްރާއީލުގެ ޖަލުތަކުގައި ތިބި އެތައް ހާސް ބައެއްގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް އެއްބަސްވުމުންނެވެ.

ހަމާސް އިން ވަނީ 24 މީހަކު ރޭ ދޫކޮށްލައިފައެވެ. އެއާ އެކު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ 39 މީހަކު ވެސް ރޭ ވަނީ މިނިވަންކޮށްފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތު ނިމޭ އިރަށް ހަނގުރާމަ އަނެއްކާވެސް ކުރިއަށް ގެންދިޔުމަށް އިސްރާއީލާއި ހަމާސް އިން ވަނީ ވައުދުވެފައެވެ. ނަމަވެސް ހަމާސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ރަހީނުންގެ އިތުރުން ދޫކޮށްލާ ކޮންމެ 10 ރަހީނަކަށް އެއް ދުވަހަށް ހަމަލާތައް ނުދޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. މިކަން މިގޮތަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ބައިޑަން ވިދާޅުވިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް އަމާޒުކޮށް ހަމާސްއިން ދިން ހަމަލާތަކެއްގެ ރައްދުގައި ކަމަށްބުނެ އިސްރާއީލުން ވަނީ ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް އަމާޒުކޮށްފައެވެ. ޣައްޒާއަށް މެދުނުކެނޑި ދެމުން އައި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް