ހުޅަނގު އައްސޭރީގައި ހިންގާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އީޔޫއިން ގޮވާލައިފި

ޔޫރަޕް އިއްތިހާދު ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑާ ލޭން. ފޮޓޯ/އަންދޮލް ނިއުސް އޭޖެންސީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ޔޫރަޕް އިއްތިހާދު ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑާ ލޭން ގޮވާލައްވައިފިއެވެ.

މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ އެންމެ ރަގަޅު ގޮތަކީ "ޓޫ ސްޓޭޓް ސޮލިޔުޝަން" ކަމަށް އުރުސަލާ ވަނީ ވިދާޅުވެފައެވެ.

އުރުސަލާ މިހެން ވިދާޅުވެފައި ވަނީ ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުރުސަލާ ކެނެޑާއަށް ވަޑައިގެން އުޅުއްވަނީ އީޔޫ ކެނެޑާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ހަމަލާތައް މެދުކަނޑާލާފައިވާއިރު، އެކަމުގައި މެދުވެރިވި، ޤަތަރާއި މިސްރު އަދި އެމެރިކާގެ މަސައްކަތްތަކަށް އުރުސަލާ ވަނީ ތައުރީފްކުރައްވާފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ގެދޮރު ދޫކޮށް ދާން ނުޖެހޭނެކަން ޔަގީންކޮށްދެއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް އުރުސަލާ ވަނީ ގޮވައިލައްވައިފައެވެ.

އިސްރާއީލު ފަލަސްތީނު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މުހިންމުކަމާބެހޭގޮތުން ވެސް އުރުސަލާ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުން ވަނީ ފަލަސްތީނުގެ ދައުލަތަކާއެކު، ޣައްޒާއާއި ހުޅަނގު އައްސޭރީގައި އެއް ދައުލަތެއް ގާއިމުވުން. ހުޅަނގު އައްސޭރީގައި ހަރުކަށި ފިކުރުގެ މީހުން ހިންގާ އަނިޔާވެރިކަން ނިމުމަކަށް އަންނަން ޖެހޭ." އުރުސަލާ ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ އަނިޔާވެރިކަން މިވަގުތަށް މެދުކަނޑާލާފައިއޮތް ނަމަވެސް، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށް އިސްރާއީލުގެ ވަޒަވެރިންނާއި ސިފައިން ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓާނުލައެވެ.

comment ކޮމެންޓް